ޚަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާން ފަށައިފި

އިބްރާހިމް ޒަކީ

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މިއަދު 2:00 ގައި ވޯޓުލާން ފަށައިފިއެވެ.

މި އިންތިހާބަކީ އެމްޑީޕީގެ ރައީސް އާއި ނާއިބު ރައީސް ހޮވަން ބާއްވާ އިންތިހާބެކެވެ.

މި ފަހަރުގެ އިންތިހާބުގައި ވެސް އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ ވޭތުގެ ދިޔަ ދައުރުގައި ވެސް އެ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނަނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނާ އެއްވެސް ބޭފުޅަކު ވާދައެއް ނުކުރައްވައެވެ.

ނަމަވެސް ނައިބު ރައީސްގެ މަގާމަށް ދެބޭފުޅުން ގެންދަވަނީ ވާދަ ކުރައްވަމުންނެވެ. އެއީ އެޕާޓީގެ މިހާރުގެ ވެސް ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

އެމްޑީގެ އިންތިހާބީ ކޮމިޓީން ބުނީ، 2:00 އިން ފެށިގެން 6:00 އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ.

މި އިންތިހާބުގައި 87،439 މެންބަރުންނަށް ވޯޓު ކުރުމުގެ ހައްގު ލިބިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ މިއިންތިހާބުގައި، އެމްޑީޕީގެ ހަރުގެ ހުންނަ ހުރިހާ ރަށެއްގައި ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށެވެ.

މާލޭގައި ދިރިއުޅޭ އައްޑޫ އާއި ފުވައްމުލަކުގެ މެންބަރުން ވޯޓްލާ ފޮށިތައް ހުންނާނީ އެޕާޓީގެ މައި ހަރުގޭގައި ކަމަށް އެމްޑީޕީން ބުންޏެވެ.

މާލޭގައި ދިރިއުޅޭ އެހެން އަތޮޅުތަކުގެ އެމްޑީޕީގެ މެންބަރުން އަދި މާލެއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވޯޓްލާންޖެހޭ ވޯޓު ފޮށިތައް ހުންނާނީ އިސްކަންދަރު ސްކޫލުގައެވެ.

މީގެ އިތުރުން ހުޅުމާލޭގައި ބަހައްޓާ ވޯޓު ފޮށި ޣާޒީ ސްކޫލުގައި، ވިލިމާލޭގައި ބަހައްޓާ ވޯޓު ފޮށި ވިލިމާލޭ އެމްޑީޕީ ހަރުގޭގައި، ބަހައްޓާފައިވާ ކަމަށްވެސް އެމްޑީޕީން މައުލޫމާތުދެ އެވެ.

މީގެ އިތުރުން ސްރީލަންކާގައި ދިރިއުޅޭ މެންބަރުންނަށް ވެސް ވޯޓު ފޮއްޓެއްވަނީ ބަހައްޓައިފައެވެ.