އިބްރާހިމް ޒަކީ
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރު ގައުމެއްގެ މަސް ބޯޓުތަކެއް އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނަސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގަވާއިދާހިލާފަށް ބޭރުގެ މަސްބޯޓު ތަކަކުން ގަވާއިދާ ހިލާފަށް ދާއަޅައިގެން މަސްވެރިކަން ކުރާ ކަމުގެ މައުލޫމާތު ރޭ ފަތިހު ކޯސްޓް ގާޑަށް ދިނީ، "އަސުރުމާ 03" ކިޔާ މަސްދޯންޏަކުން ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ކުރި މަސައްކަތުން ގަވާއިދާ ހިލާފަށް ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ ހަތް މަސްބޯޓު، ކޯސްޓްގާޑް ޝިޕް "ޝަހީދު އަލީ" ގެ ބެލުމުގެ ދަށަށް މިއަދު ހެނދުނު ގެނަސްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހަތްބޯޓަކީވެސް އަވައްޓެރި ސްރީލަންކާގެ ހަތް ބޯޓު ކަމަށެވެ.
މި ހަތް ބޯޓު ފެނިފައިވަނީ މާލޭ ސިޓީގެ އިރުން 175 ނޯޓިކަލް މޭލު ބޭރުންނެވެ.
އަދި މި ހަތްބޯޓުގެ ތެރެއިން ދެ ބޯޓު ހިފަހައްޓާފައި ވަނީ ދާ އަޅައިގެން މަސްވެރިކަން ކުރަނިކޮށް ކަމަށްވެސް އެމްއެންޑީއެފް އިނިް ބުންޏެވެ.
ކޯސްޓްގާޑް ޝިޕް "ޝަހީދު އަލީ"ގެ ބެލުމުގެ ދަށުން މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.