އެފްއޭއެމް

އެފްއޭއެމްގެ ކިޑްސް ފެސްޓިވަލުގައި ގިނަ އަދަދެއްގެ ކުދިންނާއެކު ޓޫރޭ ބައިވެރިވެއްޖެ

އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ކިޑްސް ފެސްޓިވަލުގައި އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ބައިވެރިވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ބޭއްވި ކިޑްސް ފެސްޓަވަލުގައި 600 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވެއެވެ. އެ ފެސްޓިވަލުގައި ބައިވެރިވި ކުދިންގެ ތެރޭގައި ރާއްޖޭގައި ކުރިއަށްގެންދާ އެކަޑަމީތަކުގެ ކުދިން ހިމެނެއެވެ.

އެ ކިޑްސް ފެސްޓިވަލުގައި ބައިވެރިވި ކުދިންނަށް ޓޫރޭއާ ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ. ޓޫރޭއާއެކު އެ ފެސްޓިވަލުގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ފެސްޓިވަލުގައި ބައިވެރިވުމަށް ޓޫރޭ ރާއްޖެ އައިސްފައިވަނީ އެފްއޭއެމްގެ ދައުވަތަކަށެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ޓޫރޭއަކީ ގްރީސްގެ އޮލިމްޕިއާކޯސް އާއި ފްރާންސްގެ މޮނާކޯ އާއި ސްޕެއިންގެ ބާސެލޯނާ އަދި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއަށް ކުޅުނު މިޑްފީލްޑަރެކެވެ. މިއަހަރުން ފެށިގެން އޭނާ ކުޅެމުންދަނީ ޗައިނާގެ ގިންގްޑާއޯ ހުއަންގްހާއީ އަށެވެ. ޓޫރޭ އެންމެ ފާހަގަކޮށްލެވެނީ ސިޓީގެ ޖާޒީގައެވެ. 2010 އިން ފެށިގެން 2018 އަށް ސިޓީއަށް މޮޅު ކުޅުމެއް ދައްކައި، އޭނާ ވަނީ އެކްލަބާއެކު ތިން ޕްރިމިއާ ލީގާއި ދެ އެފްއޭ ކަޕާއި ދެ ފުޓްބޯލް ލީގު ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑެއް ކާމިޔާބުކޮށްފައެވެ.

ޓޫރޭ ވަނީ 2004 އިން ފެށިގެން 2015ގެ ނިޔަލަށް އައިވަރީ ކޯސްޓުގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ގައުމީ ޓީމަށް މޮޅު ކުޅުމެއް ދައްކައިފައެވެ. އޭނާ ވަނީ ހަތަރު އަހަރު އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދައިފައެވެ.