ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާއި ޖަމިއްޔަތުއް ސަލަފްއާ ގުޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ދެއްކެވި ވާހަކަތައް އެ ޖަމިއްޔާއިން ދޮގުކޮށްފިއެވެ.
މިރޭ ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވެފައިވަނީ ހައްދުފަހަނަ އަޅާފައިވާ ޖަމިއްޔާ، ޖަމާއަތްތަކުގެ ލިސްޓެއް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
ސަލަފުން މިރޭ ކުރި ޓުވީޓެއްގައި ބުނީ މަޖިލީހުގެ 241 ކޮމިޓީގައި ޑރ. އަފްރާޝީމްގެ މަރާ ބެހޭގޮތުން އެ ޖަމިއްޔާއަށް ނިސްބަތްކޮށް އީވާ އަބްދުﷲ ހެއްދެވީ ބުހުތާނު ދޮގު ކަމަށެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ޖަމިއްޔަތުއް ސަލަފުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި ބުހުތާނު ދޮގު ހަދައިގެން އެ ޖަމިއްޔާ ފްރޭމް ކުރުމަށް ކުރަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކުރާ ކަމަށް ވެސް ސަލަފުން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.
މިރޭގެ 241 ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވާ ޖަމިއްޔާތައް ރާއްޖޭގައި އުޅޭ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ވަރަށް ތަފުސީލުކޮށް ބުނެފައިވާ ކަމަށާއި އޭގެ ތެރޭގައި ޖަމިއްޔަތުއް ސަލަފް، ރާއްޖޭގައި ހިންގާ އަލްގައިދާ ޖަމިއްޔާ، އިސްލާމިކް ސްޓޭޓަށް ބައިއަތު ހިފާފައިވާ ޖަމާއަތްތައް އަދި ސީރިއާ އިރާގުގައި ހަރަކާތްތެރިވާ ޖަމިއްޔަތުއް ނުސްރާއަށް ވާގިވެރިވާ އަލްގައިދާގެ ޖަމާއަތް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
"މި މީހުންގެ އެކިއެކި މީހުން ނުވަތަ މި ޖަމިއްޔާތަކުން ވެގެން ޑރ. އަފްރާޝީމް ގަތުލުކޮށްލުމުގައި ކޮންމެވެސް ވަރެއްގެ ބައިވެރިވުމެއް ވާކަމަށް ކޮމިޝަން ރިޕޯޓުން ވަރަށް ސާފު،" އޭނާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ދިވެހި ރައްޔިތުންގެ މައްޗަށް އޮތް ބިރުވެތިކަމުން ގައުމު ސަލާމަތްވުމަށް އެ ޖަމިއްޔާތަކުން ސަލާމަތްވާން ޖެހޭ ކަމަށާއި އެ ޖަމިއްޔާތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް ކުރެވޭނީ ކޮން ގޮތަކުންތޯ ބަލަން އަވަސް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.