ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މީގެ ހަތް އަހަރު ކުރިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ހައްޖަށް ގެންގޮސް ނުދިން މައްސަލާގައި މަލީޝާ ހައްޖު އެންޑް އުމްރާ ގްރޫޕުގެ އޭރުގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފު އަށް އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ހައްޖަށް ގެންގޮސްދޭން ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ދައުލަތުން އިސްމާއިލް އަބްދުއްލަތީފުގެ މައްޗަށް ހިޔާނާތްތެރިވުމުގެ ދައުވާކުރީ 2012 ވަނަ އަހަރުއެވެ.
ކުރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ އޭނާ ނެގި ކަމަށާއި އެ ފައިސާއިން މީހުން ހައްޖަށް ގެންގޮސް ދީފައިނުވާ ކަމަށެވެ. އަދި އެ ފައިިސާ ވެސް އަނބުރާ ދީފައި ނުވާކަން އޭނާގެ ފަރާތުން ދެއްކި ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން އޭނާގެ އެ އަމަލުތަކަކީ ޚިޔާނާތްތެރިވުންކަން ހުށަހެޅިފައިވާ ލިޔުންތަކާއި ހެކިތަކުން ސާބިތުވާތީވެ، ގާނޫނުލް އުގޫބާތުގެ ދަށުން އޭނާ އަށް އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެއެވެ.
އިސްމާއިލް އަބްދުއްލަތީފުގެ މައްޗަށް ދައުލަތުން ދައުވާކުރީ އެ ހާދިސާ ހިނގިިއިރު އަމަލުކުރި ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ކަމުގައިވީ ނަމަވެސް އޭނާގެ މައްޗަށް އަދަބު ކަނޑައެޅީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.
މަލީޝާ ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދިއުމަށް ފައިސާ ދެއްކި މީހުންނަށް ހައްޖަށް ދެވޭނެގޮތް ނުވުމުން އެފަރާތްތަށް ފަހުން ހައްޖަށް ގެންގޮސްފައިވަނީ އެކި އަހަރުތަކަށް ބަހާލައިގެން، ސަރުކާރުންގެ ހަރަދުގައެވެ.