ޚަބަރު

މަރުގެ އިންޒާރުދީ "ވަގުތު"ގެ ހަބަރަކަށް ކޮމެންޓްކުރި މީހެއްގެ އައިޕީ އެޑްރެސް ހޯދަން ކޯޓު އަމުރެއް

އާނިފާ ހުސެއިން ސިރާޖް

އޮންލައިން ނޫސް "ވަގުތު" ގައި ޝާއިއުކޮށްފައިވާ ހަބަރެއްގެ ކޮމެންޓް ސެކްޝަން މެދުވެރިކޮށް މީހަކަށް މަރުގެ އިންޒާރުދިން މީހެއްގެ އައިޕީ އެޑްރެސް ފުލުހުންނަށް ދިނުމަށް އެ ނޫހުގެ މައްޗަށް ކޯޓުން އަމުރު ކޮށްފިއެވެ.

ފުލުހުން ބުނީ، ވަގުތު ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރެއްގެ ކޮމެންޓް ސެކްޝަން މެދުވެރިކޮށް މީހަކަށް މަރުގެ އިންޒާރު ދީފައިވާ މައްސަލައަކާ ގުޅިގެން އެ ކޮމެންޓުގެ އައިޕީ އެޑްރެހާއި މައޫލުމާތު ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން "ވަގުތު" ނޫހުގައި ފުލުހުން މިއަދު އެދިފައިވާ ކަމަށެވެ.

އައިޕީ އެޑްރެސް ހޯދަން ބޭނުންވެގެން ވަގުތު ނޫހުގައި ފުލުހުން އެދިފައިވަނީ، "ސަލަފްް ޖަމާއަތުން ޓެރަރިޒަމްއަށް ހިތްވަރުދޭ، އެ ޖަމާއަތާއި މެދު ގޮތެއް ނިންމާނެ - ނަޝީދު" މި ސުރުހީގެ ދަށުން ވަގުތު ނޫހުގައި ލިޔެފައިވާ ހަބަރަކަށް ކޮމެންޓެއް ކޮށްފައިވާ ފަރާތެއްގެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގުތު ނޫހުގެ އެ އާޓިކަލަށް ކޮމެންޓުކުރި ފަރާތުން ވަނީ "ރައީސް ނަޝީދާއި، ރައީސް ނަޝީދުގެ ބައިވެރިންގެ ލޭ އޮހިރުވާލާނެ" ކަމަށް ބުނެފައެވެ.

ކުރިމިނަލް ކޯޓުން މިއަދު މެންދުރު 13:00 ގައި ނެރުނު ކޯޓު އަމުރުގައިވަނީ ކޮމެންޓް ކުރި ފަރާތުގެ އައިޕީ އެޑްރެހާއި އެ އައިޑީއާގުޅޭ އެންމެހާ މައުލޫމާތު ފުލުހުންނަށް ދިނުމަށާއި އެ އަމުރު ލިބޭތާ 48 ގަޑިއިރު ތެރޭގައި އެ މައުލޫމާތު ދިނުމަށް "ވަގުތު"ގެ މައްޗަށް އަމުރުކުރާ ކަމަށެވެ.