ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
މިއަދު ޑިފެންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު ކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އޭނާ މިހާރު ހުންނެވި މަގާމުން ވަކިވި ނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ.
"އެހެންކަމުން މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވައި ހިދުމަތް ފޯރުކޮށްދިނުމަށް ނިންމީ،" އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލައްވާނީ ޕީޕީއެމްގެ ޓިކެޓުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރީން އޭނާ މަސައްކަތް ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގައެވެ. އަދި އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ބެލެހެއްޓެވުމާ ހަވާލުވެ ހުންނެވީ އެއިރު ޝަރީފެވެ.