ޚަބަރު

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ތިން ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އާނިފާ ހުސެއިން ސިރާޖް

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ ތިން މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމު ހުސްވެފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކުރުމުންނާއި ފަނޑިޔާރު އަބްދުﷲ އަރީފުގެ ސިއްހީ ހާލަތު ހުރިގޮތުން ރިޓަޔާ ކުރެއްވުމުންނެވެ.

ޖޭއެސްސީން މިއަދު ބުނީ ފަނޑިޔާރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި، ސިޓީ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ 12:00 ކަމަށެވެ.

ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ އޮތުމާއި ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އެކޯޓު ހިންގެވުމާ މިވަގުތު ހަވާލުވެގެން ހުންނެވި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

މި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވެސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.