ޚަބަރު

މަސްތުވާތަކެއްޗާއެކު މާލެއިން ފަސް މީހުން ހައްޔަރުކޮށްފި

އާނިފާ ހުސެއިން ސިރާޖް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައިި، މަސްތުވާތަކެއްޗާއެކު ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތި ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި މި ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 21 އަަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ.

މި ފަސް މީހުންގެ ތެރެއިން 18 އަހަރުގެ މީހާ އަދި 28 އަހަރުގެ މީހާ ސިނާއީ ސަރަހައްދުން ހައްޔަރުކޮށް، އެވަގުތު އެމީހުން ތިބި ކާރު ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ފުޅި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނި ގޮތުގައި އަނެއް ތިން މީހުން ހައްޔަރުކުރީ ހެންވޭރު ގެއަކުންނެވެ. ކޯޓު އަމުރެއްގެ ދަށުން އެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 133 ސެލޯފިން ކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅަކާއި ބަނގުރާކަމަށް ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 39 ފުޅި އާއި ބަނގުރާ ކަަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 395 ދަޅުގެ އިތުރުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް، 18 އަހަރުގެ މީހާ އަށާއި 28 އަހަރުގެ މީހާއަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާއިރު އަނެއް ދިން މީހުންނަށް ޖަހާފައިވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެކެވެ.

މި ދެ މައްސަލަ ވެސް ފުލުހުންގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.