ޚަބަރު

ލ. މެންދޫން ގަވައިދާ ހިލާފަށް ރުއްގަސް ނެގި މައްސަލައިގައި 275000 ރުފިޔާއިން ޖޫރިމަނާކޮށްފި

އާނިފާ ހުސެއިން ސިރާޖް

ލ. އަތޮޅު މެންދޫން ގަވައިދާ ހިލާފަށް ރުއްގަސް ނަގާފައި ވާތީ، ސ. މަރަދޫ، އަސްރާރުގޭ ހަސަން އާދިލް 275،000 (ދެލައްކަ ހަތްދިހަ ފަސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް އެގްރިކަލްޗާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެންދޫއަކީ ހަސަން އާދިލް އަށް ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް އެ މިނިސްޓްރީން ދޫކޮށްފައިވާ ރަށެއް ކަމުގައި ވީނަމަވެސް މިނިސްްޓްރީން ދޫކޮށްފައިވާ ހުއްދައިގެ ބޭރުން އޭނާ ރަށުގެ ރުށްގަސް ނަގާފައި ކަމަށެވެ.

މިނިސްޓްރީން ބުނީ، އެރަށުގައި ދަނޑުވެރިކަން ކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ސެޕްރެމްބަރު މަހުގެ 10 ވަނަ ދުވަހު، އެކަމުން ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް އެ މިނިސްޓްރީއަށް ހަސަން އާދިލް ހުށަހަޅާފައިވާ ކަމަށާއި އަދި އެއަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު މިނިސްޓްރީން އެ ރިޕޯޓު ފާސްކޮށް، ދަނޑުވެރިކަން ކުރުމުގެ ހުއްދަ ދީ، ނިންމި ގޮތުގެ ލިޔުން ފޮނުވާފައި ކަމަށެވެ.

ނަމަވެސް ހަސަން އާދިލް ވަނީ މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރަށުގެ އިރު އުތުރު ފަރާތުން 4882 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކޮށް މަގެއް ހަދާފައި ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ދިވެހިރައްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް ދޭ ގެއްލުން ތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އަދި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދަށް ރިއާޔަތްކޮށް ޖުމްލަ 275،000 ރުފިޔާއިން އާދިލް އިއްޔެ ޖޫރިމަނާކޮށްފައި ކަމަށަ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ މިނިސްޓްރީއަށް ދައްކައި ނިންމުމަށް ވެސް އޭނާއަށް މިހާރު އަންގާފައިވާނެ ކަމަށެވެ.