އިބްރާހިމް ޒަކީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭންޖެހޭ ތެރަޕީ ދިނުމަށް ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި 4.5 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭ ތެރަޕެޓިކް ފަރުވާއާ ގުޅޭގޮތުން މައުލޫމާތު އޮޅުން ފޮލުވުމަށް އާސަންދަ ކުންފުންޏާއި އެންސްޕާގެ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށް މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިން އެންސްޕާގެ ސީއީއޯ އިސްމާއިލް އައްޒާމް ވިދާޅުވީ ތެރަޕީގެ ހިދުމަތް 169 ކުދިން މިހާރު ވެސް ހޯދަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ތެރަޕީ ހިދުމަތްދޭ މަރުކަޒުތައް ރާއްޖޭގައި މަދުވުމުގެ ދަތިކަން ފޯރާކަމަށާއި، އެހެންކަމުން ހިދުމަތްދޭ އަމިއްލަ ތަންތަން އެންސްޕާގައި ރަޖިސްޓްރީ ކުރުމުގެ ބަދަލުގައި ކޮންމެ މަރުކަޒަކުން ވެސް އެ ހިދުމަތް ހޯދޭނެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ނަމަވެސް ޕްރައިވެޓް ތަނަކުން ހިދުމަތް ހޯދާނަމަ 1،000 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ފަރުވާ ހޯދާ ފަރާތުން ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާއިރު، ޕަބްލިކް ސެކްޓަރުތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ޖީބުން އެއްވެސް އެއްޗެސް ދައްކަން ނުޖެހޭނެ ކަމަށެވެ.
"އެވްރެޖްކޮށް ބަލާނަމަ އެންމެ ގިނައިން ފައިސާ ދައްކަންޖެހޭ ފަރާތަކަށް ވެސް 750 އާއި 1000 ރުފިޔާއާ ދޭތެރެއަށްވުރެ ބޮޑު އައުޓް އޮފް ޕޮކެޓެއް ނީންނާނެ ގޮތަކަށް އަޅުގަނޑުމެން މިހަދަނީ، މިސާލަކަށް 6000 ރުފިޔާގެ ޕެކޭޖެއް ނަގައިގެން ކުރިއަށް ގެންދާ ފަރާތަތަކަށް ވެސް 1000 ރުފިޔާއަށްވުރެ އަތުން ދައްކަންޖެހޭބައި ބޮޑުވެގެން ނުވާނެ، އެގޮތަށް އަޅުގަނޑުމެން މި ގެންދަނީ އެއީވެސް ޕަރައިވެޓް ސެކްޓަރުން ނަގާއިރު، ޕަބްލިކް ސެކްޓަރުން ނަގާ އެއްވެސް ފަރާތަކަށް އައުޓް އޮފް ޕޮކެޓެއް މިވަގުތަކުއެއް ނީންނާނެ،" އައްޒާމް ވިދާާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮންމެ ތަނަކުން ފަރުވާ ހޯދި ނަމަވެސް އެކަމަށް އެފަރާތުން ދޭންޖެހޭ ބައި ކަވަރު ކޮށްދޭނެ ކަމަށާއި ރާއްޖޭން ބޭރުން އެ ހިދުމަތް ހޯދާ ފަރާތްތަކަށް ވެސް ހައްގުވާ ބައި ކަވަރު ކޮށްދޭނެ ކަމަށެވެ.