ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކޮށްފިއެވެ.
މިކަމަށް އިއުލާން ކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާނުގައިވަނީ ސިވިލް ކޯޓަށް ހަތަރު ފަނޑިޔާރަކާއި، ކްރިމިނަލް ކޯޓަށް އެއް ފަނޑިޔާރަކު ހޯދުމަށެވެ.
ޝަރުތު ތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ، އޮތުމާއި ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލިބިފައި ވުމެވެ.
ޖޭއެސްސީން، މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
އެ ދެކޯޓަށް ފަނޑިޔާރުން ހޯދުމަށް އުއުލާން ކޮށްފައިވާއިރު، ސިވިލް ކޯޓުގެ ދެ ފަނޑިޔާރަކު ވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ސަސްޕެންޑްކޮށްފައެވެ.