ހައްޖު ކޯޕަރޭޝަނުން ހިދުމަތް ހޯދުމާ ބެހޭ އުސޫލު އިސްލާހުކޮށް، ބޮޑެތި ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކަށް ހައްޖު ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ ފަސް ޕަސެންޓު ހަމަޖައްސަން އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ބުނި ގޮތުގައި ބޮޑެތި ބަލިތައް ތަަހައްމަލު ކުރާ ފަރާތްތަކުގެ ގޮތުގައި ބަލާނީ ފުރާނައަށް ނުރައްކާ ވާފަދަ ބަލިތައް ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކެވެ. ހައްޖު މޫސުމާ ދިމާކޮށް ހައްޖު ކޯޕަރޭޝަނުން އެ ފަސް ޕަސެންޓު ކޯޓާއަށް ހުށަހެޅުމަށް އިއުލާނު ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ބޮޑެތި ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ހާއްސަކޮށްފައިވާ ކޯޓާގެ ދަށުން ހައްޖަށް ދިޔުމަށް ފުރުސަތު ހުޅުވާލުމުން ހައްޖަށް ދިޔުމަށް އެދޭ ފަރާތުން އެފަރާތަކީ ބޮޑު ބައްޔެއް ތަހައްމަލު ކުރާ ފަރާތެއްކަން ބަޔާންކޮށްފައިވާ ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. މިފަދައިން ކުރިމަތިލާ ފަރާތްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ލިސްޓަށް އަރާ ތަރުތީބުން ކަމަށާއި، އެމީހެއްގެ ބަލި ހާލަތަށް ރިއާޔަތްކޮށް ދެ އެހީތެރިއަކަށް ޖާގަ ދިނުމުގެ އިހުތިޔާރު ކޯޕަރޭޝަނަށް ލިބިގެން ވާކަމަށް ވެސް އިސްލާހުކޮށްފައިވާ އުސޫލުގައި ވެއެވެ.
ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގައި ކުރިމަތިވާ ބޮޑެތި މައްސަލަތައް ހައްޖު ކޯޕަރޭޝަން އުފެއްދިފަހުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ސަރުކާރަށް ލިބޭ ހައްޖު ކޯޓާގެ ބޮޑު ބަޔެއް ކޮންމެ އަހަރަކު ވެސް މިހާރު ދެމުން އަންނަނީ ހައްޖު ކޯޕަރޭޝަނަށެވެ.