ޚަބަރު

އެފްއޭއެމުން ގަތް ޓިކެޓުތަކަކަށް 7.8 ލައްކަ ރުފިޔާ ނުދައްކައިގެން މައްސަލަ ކޯޓަށާއި ފުލުހުންނަށް ހުށަހަޅައިފި

އާނިފާ ހުސެއިން ސިރާޖް

1

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އޭސް ޓްރަވެލްސް މެދުވެރިކޮށް ގަތް ޓިކެޓުތަކަކަށް 779،234.28 ރުފިޔާ ނުދައްކައިގެން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި، އެފްއޭއެމުން މި ޓިކެޓުތަކަށް އަގު ދެއްކުމަށް އޭސް ޓްރެވަލްސްއަށް ތިން ޗެކެއް ދޫކޮށްފައިވީ ނަމަވެސް އެފްއޭއެމްގެ ބޭންކް އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބަބުން އެ ޗެކުތައް ވަނީ ބައުންސް ވެފައެވެ.

އެ ޗެކުތައް ބައުންސްވެފައިވާކަން އެފްއޭއެމަށް މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު އަންގާފައިވީ ނަމަވެސް އަދި އަދަށް ދާންދެންވެސް އެ ފައިސާ އެފްއޭއެމުން އޭސް ޓްރަވެލްސްއަށް ދައްކާފަައެއް ނުވެ އެވެ.

އޭސް ޓްރަވެލްސުން ވަނީ އެ ފައިސާ ނުލިބުމުގެ ސަބަބުން ކުންފުންޏަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމުގެ ބަދަލާއި، ގާނޫނީ އަދި އިދާރީ ހަރަދު ހޯދުމަށް ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހަޅާފަ އެވެ.

ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ، އެފްއޭއެމްގެ އެ އަމަލަކީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށުގެ ހުރިހާ އުންސުރުތަކެއް ފުރިހަމަވާ އަމަލެއް ކަމަށް ވާތީ ކަމަށް ވެސް އެނގިފައިވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟