ދިރާސީ އަހަރު ނިމުނީ ސަރުކާރުގެ ތައުލީމީ ސިޔާސަތުތަކާއި އެއްގޮތަށް ހާސިލު ކުރަން ޖެހޭ ލަނޑުދަނޑިތައް ފުރިހަމައަށް ހާސިލުވެގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އައިޝާ މިހެން ވިދާޅުވީ ދިރާސީ އަހަރު ނިންމުމުގެ ގޮތުން މިނިސްޓަރު ފޮނުއްވި މެސެޖެއްގައެވެ. މިނިސްޓަރު އައިޝާ ވިދާޅުވީ ސަރުކާރުން ތައުލީމީ ދާއިރާއަށް ކަނޑައަޅަފައިވާ ލަނޑުދަނޑިތައް ފުރިހަމައަށް ހާސިލުކުރެވިފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ސްކޫލެއްގައި ކާމިޔާބުކަމާއެކު ދަރިވަރުންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ތަންފީޒު ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ ހުރިހާ ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައި ދިނުމުގެ ސިޔާސަތުގެ ދަށުން 22 ސްކޫލެއްގައި ހިންގި ''ސިންގަލް ސެޝަން ސްކޫލް'' ޕައިލެޓް ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލެވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި އެ ޕްރޮގްރާމްގެ ނަތީޖާއާއި ހަމައަށް އާދެވިފައިވާ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ތައުލީމީ ދާއިރާގައި ހަނގާ ކުރުން ހުއްޓުވުމަށް އެކުލަވާލި ސިޔާސަތު މުޅި ރާއްޖޭގައި ތަންފީޒު ކުރެވިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ސްކޫލުގެ މާހައުލުން ހެޔޮ ބަދަލެއް ފެންނަން ފަށާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމީ ނިޒާމުގެ ތެރެއިން ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި އެކަމުގައި ފާހަގަކުރެވޭ ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށާއި އިލްމީ ގާބިލުކަން އިތުރުކޮށް ފަންނީ ހުނަރު ތަރައްގީ ކުރުމުގެ ގޮތުން މިއަހަރު ތެރޭ ގިނަ ޕްރޮގްރާމްތަކެއް ހިންގުނުކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިއަހަރު ތެރޭ ރާއްޖޭގައި ''ކަރިކިއުލަމް ރިވިއު ސިމްޕޯސިއަމް''އެއް ބޭއްވި ކަމަށާއި މި ސިމްޕޯސިއަމަކީ އަލަށް ކިޔަވައިދޭން ފެށި މަންހަޖަށް ކިޔަވައި ދިނުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ އެކަން ހައްލު ކުރުމަށް ބޭއްވި ސިމްޕޯސިއަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ސިމްޕޯސިއަމުން ލިބުނު މައުލޫމާތުގެ އަލީގައި މިހާރު މުގައްރަރުތަކާއި ޓެކްސްޓް ފޮތްތައް ރިވިއު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސްކޫލުން ދަސްވި ހުނަރުތައް ކުރިއަރުވައި ތަރައްގީކުރުމަށް ޗުއްޓީ ތެރޭގައި ވެސް ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި ޗުއްޓީގައި ކުދިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް ހެޔޮ އަސަރުކުރާ ކަންކަމުގައި ކުދިން ޝާމިލުކުރުމަށް އިސްކަން ދިނުމަށް ވެސް މިނިސްޓަރު އައިޝާ އިލްތިމާސް ކުރެއްވިއެވެ.