ޚަބަރު

އެންސިސް ފެކްޓްރީއަށް މުވައްޒަފުން ހޯދުމަށް އަންނަ ހޮނިހިރު ދުވަހު އޯޕަންޑޭއެއް

މަރިޔަމް ޝަހުދާ

އެންސިސް ފިޝަރީން އިން ހުޅުމާލޭގައި ހަދާފައިވާ ފެކްޓްރީގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދަން އޯޕަންޑޭއެއް ބާއްވަން ތައްޔާރު ވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ކުރިޔަށް ގެންދާ، މި އޯޕަންޑޭގެ މަގުސަދަކީ އެ ކުންފުނީން ހުޅުވަން ތައްޔާރުވަމުން އަންނަ މަސްދަޅު ބަންދުކުރާ ފެކްޓަރީއަށް ބޭނުންވާ މުވައްޒަފުން ހޯދުން ކަމަށް އެ ކުންފުނީން މައުލޫމާތު ދެއެވެ. އެންސިސްގެ މަސްދަޅު ބަންދުކުރާ ފެކްޓަރީ އަށް 400އެއްހާ މުވައްޒަފުން ބޭނުންވާނެ ކަމަށް އެ ކުންފުނީން ވަނީ ބުނެފަ އެވެ.

އެންސިސްގެ އޯޕަންޑޭގެ ކުރިޔަށް ދާނީ، ހަވީރު 04:00 އިން 06:00އަށް، އަދި ރޭގަނޑު 08:00 އިން 11:00 އަށެވެ. އޯޕަންޑޭގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ހުޅުމާލޭ ކުދިމާ ހިނގުމުގައި އެ ކުންފުނިން ތަރައްގީކޮށްފައިވާ ކުންފުނީގެ ކޭނިންގް ފެކްޓްރީގައި ކަމަށް ވެސް އެންސިސް އިން މައުލޫމާތު ދެއެވެ.

އެންސިސް ކުންފުނީގެ އޯޕަންޑޭ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން އެކި ހަރަކާތްތަކާއެކު އެވެ. އެގޮތުން ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް އޯޕަންޑޭގައި ކުރިއަށް ދާނެ ކަމަށާއި، މި ހަރަކާތަކީ އާއިލާއާއެކު ދިޔުމަށް ރަނގަޅު ހަރަކާތެއް ކަމަށް އެންސިސް އިން ބުނެއެވެ.

އޯޕަންޑޭ ހަރަކާތްތަކަށް ބަލާއިރު އެ ދުވަހު އެތަނަށް ދާ މީހުންގެ މެދުގައި ހާއްސަ އިނާމު ތަކަކާއެކު ލަކީ ޑްރޯއެއް ނެގުމަށް ހަމަޖައްސާފައިވާ ކަމަށް އެންސިސްއިން މައުލޫމާތު ދެއެވެ. ލަކީ ޑްރޯގެ ތިންވަނަ އިނާމެއްގެ ގޮތުގައި އެންޒީ ގިފްޓް ޕެކެއް، ދެ ވަނަ އިނާމުގެ ގޮތުގައި ސަފާރީ ބޯޓެއްގައި އާއިލާއާ އެކު ރޭގަނޑު ކެއުމެއް އަދި އެއްވަނަ އިނާމުގެ ގޮތުގައި ދެމީހަކަށް ކޮލަމްބޯ ދެކޮޅު ޓިކެޓު ދިނުމަށް އެ ކުންފުނިން ހަމަޖައްސާފައިވެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ މެޖިކް ޝޯ އަކާއި، ކޭނެރީ ޓުއާ، ބޮޑުބެރު ހަރަކާތްތައް، ރޮބޯ މޭންގެ ހުށަހެޅުމެއް، ޕޮޕްކޯން އަދި ކޮޓަން ކޭންޑީގެ އިތުރުން ރިފްރެޝްމަންޓްތައް ވެސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެންސިސް ފިޝަރީޒް އަކީ އެންސިސް ކޮމްޕެނީގެ ދަށުން ހިންގާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ރާއްޖެއިން މަސް އެކްސްޕޯޓު ކުރާ ކުންފުންޏެކެވެ. އޭގެ އިތުރުން މަހުގެ އެކި ބާވަތްތައް ރާއްޖޭގެ މާކެޓަށް ބޭނުންވާ ގޮތްގޮތަށް އުފައްދައި އެ ކުންފުނީގެ ދަށުން ހިންގާ އެންޒީ ފިހާރަތަކުގައި ވިއްކަމުންދެ އެވެ. އެންސިސްގެ ކޭނިން ފެކްޓަރީ ހުޅުވަން ނިންމާފައި ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ކަމަށްވާ އަނަން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.