ޓޮޓެންހަމް ހޮޓްސްޕާ

ޓޮޓެންހަމްގެ ކޯޗަކަށް މޮރީނިއޯ

ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ ހަމަޖައްސައިފިއެވެ.

ޓޮޓެންހަމްގެ ކޯޗުކަމުން މައުރީސިއޯ ޕޮކެޓީނޯ ވަކިކޮށް، އެ މަގާމަށް މޮރީނިއޯ ހަމަޖެއްސުމަށްޓަކައި އޭނާއާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މޮރީނިއޯއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 23-2022 ސީޒަނުގެ ނިޔަލަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މޮރީނިއޯ ބުނީ ޓޮޓެންހަމްގެ ސްކޮޑާއި އެކަޑަމީގެ ފެންވަރު ވަރަށް ރަނގަޅު ކަމަށާއި އެޓީމުގެ ކުޅުންތެރިންނާއެކު މަސައްކަތްކުރަން ތައްޔާރަށް ހުރި ކަމަށެވެ.

ޓޮޓެންހަމް އިން މޮރީނިއޯއަށް މުސާރައިގެ ގޮތުގައި އަހަރަކު އަށް މިލިއަން ޕައުންޑް ދޭނެއެވެ. ނަމަވެސް އެއީ ކުރިން މެންޗެސްޓާ ޔުނައިޓެޑުން މޮރީނިއޯއަށް ދިން މުސާރައަށް ވުރެ ކުޑަ އަދަދެކެވެ. ޔުނައިޓެޑަށް އިރުޝާދު ދިން އިރު، މޮރީނިއޯއަށް މުސާރައިގެ ގޮތުގައި އަހަރަކު 12 މިލިއަން ޕައުންޑް ލިބެއެވެ.

މޮރީނިއޯ 2016 އިން 2018އަށް އިރުޝާދު ދިނުމުގެ ކުރިން އޭނާ ވަނީ ޗެލްސީ އާއި އިންޓަ މިލާން އަދި ރެއާލް މެޑްރިޑަށް ވެސް އިރުޝާދު ދީފައެވެ. އޭނާ ވަނީ ޗެލްސީއަށް ތިން ޕްރިމިއާ ލީގާއި އެފްއޭ ކަޕަކާއި ތިން ފުޓްބޯލް ލީގު ކަޕު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑެއް ހޯދައިދީފައެވެ. އިންޓަ މިލާނަށް އޭނާ ދެ ސެރީއާ އާއި ކޮޕާ އިޓާލިއާ އަދި ޔޫއެފާ ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްދީފައިވެއެވެ. ރެއާލް މެޑްރިޑަށް މޮރީނިއޯ ހޯދައިދިން ކާމިޔާބީތަކުގެ ތެރޭގައި ސްޕެނިޝް ލަލީގާއަކާއި ކޮޕާ ޑެލްރޭއެއް ހިމެނެއެވެ. އަދި ޔުނައިޓެޑަށް އޭނާ ހޯދައިދިން އެންމެ ބޮޑު ކާމިޔާބީއަކީ 2017ގެ ޔޫއެފާ ޔޫރޮޕާ ލީގެވެ. ޔޫރަޕުގެ ބޮޑެތި ކްލަބުތަކަށް އިރުޝާދު ދިނުމުގެ ކުރިން މޮރީނިއޯ ފެނުނީ ޕޯޗުގަލްގެ ޕޯޓޯއިންނެވެ. މޮރީނިއޯ ވަނީ ޕޯޓޯއަށް 2004 ވަނަ އަހަރު ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްދީފައެވެ.