އިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލުން ލީޑު ފުޅާކޮށްފި، ޓޮޓެންހަމް ކައިރިންވެސް ޔުނައިޓެޑް ބަލި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ވުލްވްސް ކައިރިން މޮޅުވި އިރު، ޓޮޓެންހަމްއިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި 2-1 އިން ވުލްވްސް ބަލިކުރި އިރު، ޔުނައިޓެޑުން ރަށުން ބޭރުގައި ޓޮޓެންހަމް ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލުން މިވަގުތު އިނގިރޭސި ތާވަލު ލީޑުކުރަމުން ދަނީ 25 މެޗުން 60 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އާސެނަލް އޮތް އިރު، އެޓީމަށް ވަނީ 25 މެޗުން 53 ޕޮއިންޓް ލިބިފައެވެ. ރޭގެ ބައްޔާއެކު ޔުނައިޓެޑަށް ވަނީ ރެލިގޭޝަން ޒޯނާ މެދުވެސް ވިސްނަން ޖެހިފައެވެ. އެޓީމު މިވަގުތު 15 ވަނައިގައި އޮތީ 25 މެޗުން 29 ޕޮއިންޓާއެކުގައެވެ.

ޓޮޓެންހަމް ރޭ ހޯދި މޮޅާއެކު އެޓީމު އޮތީ 12 ވަނައިގައެވެ. އެއީ 25 މެޗުން 30 ޕޮއިންޓާއެކުގައެވެ.

އެންމެފަހުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން ޕޮއިންޓެއް ލިބުނު ލިވަޕޫލުން 15 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެއީ ކޮލަމްބިއާ ފޯވަޑް ލުއިސް ޑިއާޒް ޖެހި ގޯލުންނެވެ. ޑީއާޒްގެ އެ ގޯލަކީ 10 މެޗަށްފަހު އޭނާގެ ފަރާތުން ފެނިގެން ދިޔަ ގޯލެކެވެ.

އޭގެ 20 ވަރަކަށް މިނެޓްފަހުން ލިވަޕޫލުން ދެވަނަ ގޯލެއްވެސް ޖެހިއެވެ. ޑިއާޒަށް އޭރިއާ ތެރެއިން ވުލްވްސްގެ ކީޕަރު ޖޯސޭ ސާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީގައި ލިވަޕޫލަށް ދެވަނަ ގޯލު ޖެހީ މުހައްމަދު ސަލާހެވެ.

ލިވަޕޫލާއެކު ސަލާހް ވެފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާންދާ އިރު، އޭނާއަށް އަދިވެސް އޮތީ އިތުރު އެއްބަސްވުމަކަށް ނުދެވިއެވެ. ސަލާހް މިވަގުތު ބޮޑަށް ބޭނުން ވަނީވެސް އެ ކްލަބު ދޫކޮށްލަން ކަމަށްވީ އިރު، ސަލާހަކީ ކްލަބަށް އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެންމެ ފަހުން ކުޅުނު ހަތަރު ލީގު މެޗުގައި ފަސް ގޯލު ޖަހައިފައެވެ.

ދެވަނަ ހާފުގައި ވުލްވްސްގެ މަތެއަސް ކޫނިއާ ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަ ކުރި ނަމަވެސް، އެޓީމަށް އިތުރު ގޯލެއް ޖެހިޔަނުދީ ލިވަޕޫލް ހިފަހައްޓާލިއެވެ.

ޔުނައިޓެޑުން އެންމެފަހުން ލީގުގައި ކުޅުނު ހަތަރު މެޗުން ތިން މެޗުގައި ބަލިވެފައިވާ އިރު، މިވަގުތު އެ ކްލަބަށް އަނިޔާގެ މައްސަލަވެސް ބޮޑެވެ. އަނެއްކޮޅުން ނުކުތް ޓޮޓެންހަމްވެސް ރޭ މޮޅެއް ހޯދީ ތިން މެޗަށްފަހުއެވެ.

ރޭގެ މެޗުގެ 13 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ގޯލު ޖެހި އިރު، އެ ގޯލު ޖޭމްސް މެޑިސަން ޖެހީ ލޫކަސް ބާގްވާލްގެ ހަމަލާ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ އަތުގައި ޖެހިފައި ނުކުތުމުންނެނެވެ.

އޭގެފަހުން ޔުނައިޓެޑްގެ އަލެހާންޑްރޯ ގާނާޗޯގެ ހަމަލާއެއް ބޭކާރުވެގެން ދިޔަ އިރު، ދެވަނަ ހާފުގައި ނުރައްކާ ބޮޑުކޮށް ފެނުނީ ޓޮޓެންހަމްއެވެ. އެގޮތުން ޑެޖާން ކްލުސެވްސްކީއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.