ޖުޑީޝަލް ސާވިސް ކޮމިޝަން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޣަނީ ވެސް މަގާމުން ވަކިކުރަން ހުށަހަޅަން ޖޭއެސްސީން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވެސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ފަނޑިޔާރު ޣަނީ މަގާމުން ވަކިކުރަން ހުށަހަޅަން ނިންމާފައިވަނީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ.

މީގެ ކުރިން ޖޭއެސްސީން ހުށަހަޅައިގެން މަޖިލީހުން ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ ދީދީ ވެސް މަގާމުން ވަކިކޮށްފައެވެ.

ޖޭއެސްސީން ބުނީ ޣަނީއާ ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ފަނޑިޔާރު ޣަނީ ކޮށްފި ކަމަށް ތަހުގީގު ކޮމިޓީއަށް ފެންނާތީ، ކޮމިޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ އަމަލުތަކެއް ކަމަށްވުމުން، ފަނޑިޔާރުކަމުގެ މަގާމުން ޣަނީ ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ވަނީ ފަނޑިޔާރު ޣަނީ 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ވެސް ނިންމައިފައެވެ. ޣަނީ ސަސްޕެންޑްކޮށްފައިވަނީ އޭނާއާ ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރަން ޖެހޭ ކަމަށް ކޮމިޝަނަށް ފެންނާތީއެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފުގެ ސިއްހީ ހާލަތު ހުރިގޮތުން ރިޓަޔާކޮށްދެއްވުމަށް އެދިވަޑައިގެންފައިވާތީ، ފަނޑިޔާރުކަމުގެ މަގާމުން އަރީފް ރިޓަޔާކުރުމަށް ޖޭއެސްސީން މިއަދު ވަނީ ނިންމައިފައެވެ.

މިދިޔަ ހޯމަ ދުވަހު އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ސުޕްރީމް ކޯޓުގެ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވީ އަރީފެވެ. އަރީފް ރިޓަޔާކުރެއްވުމުން ޖޭއެސްސީން ނިންމީ ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީގޮތުން ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުއާ ހަވާލުކުރުމަށެވެ.