ޚަބަރު

ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި އަދުލުގެ ގާނޫނު ރައީސް ތަސްދީގު ކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

ކުޑަކުދިންގެ ހައްގުތަކާބެހޭ މުހިންމު ދެ ބިލު ކަމުގައިވާ، ކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ބަލިތަކުން ރައްކާތެރިވުމަށް ކުޑަކުދިންނަށް ވެކްސިން ދިނުން ލާޒިމުކުރާ ގޮތަށް ކުޑަކުދިންގެ އަދުލުގެ ބިލާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މި ދެ ބިލު ވެސް ފާސްކޮށްފައިވަނީ މަޖިލީހަށް ހާޒިރުވި 68 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 66 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ދެ ބިލުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލަކީ ސަރުކާރު ފަރާތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ބިލެކެވެ. އަދި ސަރުކާރުގެ ފަރާތުން މަޖިލީހަށް ކުޑަކުދިންގެ އަދުލުގެ ބިލު ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހްމަދު ނަސީމެވެ.

ކުޑަކުދިންނަށް ވެކްސިން ދިނުން ލާޒިމުކޮށްފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލުންނެވެ. މި ބިލުގައި ކުޑަކުދިންނަށް ލިއްބައިދޭ އެކި ހައްގުތަކުގެ އިތުރުން، ކުށުގެ ވެށިން ހިފަހައްޓާ ކުޑަކުދިންނާމެދު އަމަލު ކުރާނެ ވަކި ގޮތެއް ކަނޑައަޅާފައިވެއެވެ.

އެގޮތުން ކުޑަކުދިން ބަލިތަކުން ސަލާމަތްވާން ޖަހަންޖެހޭ ވެކްސިކް އެކުދިންނަށް ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅައި، ވެކްސިން ޖެހުމަށް ކުއްޖާގެ މައިންބަފައިން އުޒުވެރިވުމަކީ މައިންބަފައިންނަށް ލިބިފައިވާ ހައްގެއް ނޫން ކަމަށް މި ބިލުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ދަރިމައިވުމުން ކުރަން ޖެހޭ ފަރުވާގެ އިތުރުން މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށާއި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާއަކީ ކުއްޖާއަށް ލިބިގެންވާ ހައްގެއް ކަމަށް މި ބިލުގައި ކަނޑައަޅާފައިވެއެވެ. އަދި ކުއްޖާ ވިހައިގެން އެކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ފަރުވާތަކަކީ ވެސް ކުއްޖާގެ ހައްގެއްގެ ގޮތުގައި މި ބިލުގައި ކަނޑައަޅާފައިވެއެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، 15 އަހަރު ކަމުގައިވާ ގޮތަށެވެ. އަދި 15 އަހަރުން ދަށުގެ ކުއްޖެއްނަމަ ކުށުގެ މަސްއޫލިއްޔަތު ނަގަން ނުޖެހޭނެ ކަމަށް މި ބިލުގައިވެއެވެ.

މީގެ އިތުރުން މި ބިލުގެ ދަށުން ދާހިލީ ކަންކަމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި، އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް ކަނޑައެޅިގެން ދާނެއެވެ. އަދި މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ސަރުކާރުން ހެދުމަށް ވަނީ ލާޒިމްކޮށްފައެވެ. ސަބަބަކީ މި ބިލުން ބޮޑެތި މީހުންގެ މައްޗަށް ހިންގާ އާންމު ޖިނާއީ އަދުލުގެ ނިޒާމާ މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރެވިގެންދާތީއެވެ.

މީގެ އިތުރުން، ކުޑަކުދިންގެ އަދުލުގެ ބިލުގައި ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ހާލަތެއްގައި އަމަލު ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ.