ޚަބަރު

ސަލަފުގެ ފަހަތުގައި އަޅުވާލީ ބައިނަލްއަގުވާމީ ފަރާތްތަކުގެ ރުހުން ހޯދަން: އިދިކޮޅު

އާނިފާ ހުސެއިން ސިރާޖް

ޖަމިއްޔަތުން ސަލަފަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެމްޑީޕީގެ ބައެއް މެންބަރުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާ، އެ ޖަމިއްޔާ އުވާލުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތާއި އެ ޖަމިއްޔާއަށްކުރާ ދޮގު ތުހުމަތުތައް ހުއްޓާލުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

ކޮންގުރެސް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސުލްހަވެރިކަމާއެކު ރާއްޖޭގެ ގާނޫނަށް ބޯލަނބައިގެން ހިންގަމުންދާ އަމިއްލަ އަދި ހިލޭ ސާބަހަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާ ޖަމާއަތްތަކަށް ހުރަސްއެޅުމަކީ އެމްޑީޕީގެ އެޖެންޑާއެއް ކަމަށެވެ. އަދި އޭގެބަދަލުގައި ގާނޫނާ ހިލާފު ލާދީނީ ފިކުރު ފަތުރާ އެމްޑީއެން ފަދަ އެޕާޓީގެ އެކި ގޮފިތަކަށް ހިތްވަރުދީ އެފަދަ ފަރާތްތަކަށް ފުރުސަތު ފުޅާކޮށްދިނުމަކީ މި ސަރުކާރުގެ ނުރައްކާތެރި ރޭވުމެއް ކަމަށެވެ.

"ސަލަފް ޖަމިއްޔާގެ ފަހަތުގައި މި ސަރުކާރުން އަޅުވާލުމަކީ، ޝަރުއީ ނިޒާމް ފުނޑާލުމުގެ އަޑު ބޭރު ދުނިޔޭގައި ފެތުރެން ފެށުމުން ބައިނަލްއަގުވާމީ ސަޕޯޓް ގެއްލިދާނެ ކަމުގެ ބިރުހީވެގެން އެފަރާތްތައް ރުއްސުމަށްޓަކައި ޖަހާލި މޮޅު ސްޓަންޓެއް" އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި އިސްލާމް ދީނާއި މަތިވެރި ޝިއާރު އުފުލައި ގައުމުގައިވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައި ސަލަފަކީ އެންމެ ހަރަކާތްތެރިކަމާއެކު މަސައްކަތްކުރާ އެއް ޖަމިއްޔާކަން ފާހަގަކުރައްވައި، ބަޔާނުގައި ބުނެފައިވަނީ ސަލަފަކީ ނިރުބަވެރި ކަމަށް ވާގިވެރިވާ ޖަމިއްޔާއެއް ކަަމަށް ބުނެ، އެ ޖަމިއްޔާ އުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް މިގައުމުން ޖާގަ ހޯދައިދިނުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތާ ދެކޮޅަށް އެ ޖަމިއްޔާއިން ނުރުހުން ފާޅުކޮށް އަޑުއުފުލާތީ އެކަން ހަޖަމު ނުވެގެން ކަމަށެވެ.

އަދި ސަލަފް ޖަމިއްޔާއަކީ ނިރުބަވެރިކަމަށް ވާގިވެރިވާ ބައެއް ކަމަށް އެއްވެސް ހެއްކެއް ނެތި ރައީސް ނަޝީދު ކުރައްވަމުން ގެންދަވަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި އެކަން ހުއްޓާލުމަށް އިދިކޮޅުން ނެރުނު ބަޔާނުގައިވަނީ ގޮވާލައިފައެވެ.

"ސަލަފް ޖަމިއްޔާއާ ގުޅޭ ގޮތުން ނަޝީދު ހެއްދެވީ އާދަކާދައިގެ މަތިން ބޮޑެތި ދޮގުތަކެއްކަން މިހާރު ވެސް ފަޅާއަރައި ސާބިތުވެފައިވާހިނދު، ނަޝީދަކީ ވަކި ސިޔާސީ މަގުސަދެއް ހާސިލު ކުރައްވަން މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުގައި ދެވަނައެއް ނެތްފަދަ ނަމޫނާއެއް ކަމަށް ތާރީހު ހެކިދޭ. އަދި ރައީސް ނަޝީދަކީ ލާދީނީ ކަންކަން ފެތުރުމަށް ރައީސް ސޯލިހު ބޭނުންކުރާ ޓޫލެއް," އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި އިތުރަށް ވަނީ، ވޭތުވެދިޔަ 14 އަހަރު ސަލަފް ޖަމިއްޔާއިން ކުރަމުންދިޔަ މަތިވެރި ދީނީ މަސައްކަތްކަތުގައި ސާބިތުވެ ތިބުމަށް އެ ޖަމިއްޔާގެ އިސް ހިންގުންތެރިންނަށް ހިތްވަރުދީފައެވެ. އަދި އެފަދަ ޖަމިއްޔާތަކަށް އެއްބާރުލުން ދިނުމުގައި ބަދަލުގައި މިއަދުގެ ސަރުކާރުން އެފަދަ ޖަމިއްޔާތަކާމެދު ކަންތައް ކުރަމުންދަނީ ވަރަށް އިހާނެތިކޮށް ކަމަށާއި އެކަމުގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އަދާލަތު ޕާޓީ މި ސަރުކާރުގެ ތެރޭގައި އޮވެ، އެކަމަށް ވާގިވެރިވަމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން އިދިކޮޅުން ވަނީ އެމްޑީއެންގެ ރިޕޯޓު ނެރުނު މީހުން އަދިވެސް ހަރަކާތްތެރިކޮށް އޮވެމެ، ސަލަފް އުވާލުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައިފައެވެ. އަދި މިއީ ހަމައެކައި ސަލަފަށް ކުރިމަތި ކުރުވި ހަމަލާއެއް ނޫން ކަމަށާއި މިއީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އިސްލާމްދީނަށާއި ދިވެހި ރައްޔިތުންނަށް ދިން ހަމަލާއެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.