ޚަބަރު

ޑައިވިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ

މުހައްމަދު ޝަހީމް

އއ. ސަފާރީ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ޑައިވިންއަށް ގޮސް މައްޗައް އެރިފަހުން މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު މެންދުރު ފަހުން 15:25 ހާއިރު ރިޕޯޓްކުރި އެ ހާދިސާގައި މަރުވެފައިވަނީ ޖަރުމަނަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ. އަދި ފަތުރުވެރިޔާ އދ. މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ. ބުނީ، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޑައިވިންއަށް ދިޔަ ޓޫރިސްޓަކު މިއަދު މަރުވިއިރު، މިދިޔަ އާދިއްތަ ދުވަހު ވެސް ރިސޯޓަކަށް ޗުއްޓީ ހޭދަކުރަން އައިސް އުޅުނު އިނގިރޭސި ވިލާތުގެ 69 އަހަރުގެ އަންހެނެއް ވަނީ ގެނބިގެން މަރުވެފައެވެ.