ޚަބަރު

"ދިވެހި އެންމެންގެ ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ދީފި

އާނިފާ ހުސެއިން ސިރާޖް

ދިވެހި އެންމެންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދީފިއެވެ.

އީސީން ކުރި ޓުވީޓެއްގައި ބުނީ، "ދިވެހި އެންމެންގެ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓިއެއް އުފެއްދުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އެ ކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ. އެ ހުއްދަ އީސީން ދީފައިވަނީ މ. ހުނަރު، އަލީ ޝުޖާއު ނަމަކަށް ކިޔާ މީހަކަށެވެ.

ޕާޓީ ހަދަން ހުއްދަ ދިނުމުން ފުރަތަމަ ޖެހޭނީ 3000 މީހުންގެ ސޮއި ހަމަކޮށް އީސީއަށް ހުށަހަޅާށެވެ. އެ ސޮއިތަކުގެ ސައްހަކަން ބެލުމަށްފަހު އީސީން ދެން ހުއްދަ ދޭނީ ޕާޓީގެ ފުރަތަމަ އާންމު ޖަލްސާ ބާއްވާށެވެ. އީސީގެ އޮފިޝަލުން މޮނީޓާކުރާ އެ ޖަލްސާގައި މަދުވެގެން 300 މީހުން ބައިވެރިވާން ޖެހޭއިރު، ޖަލްސާގައި ނިންމާ ކަންތައްތައް އީސީއަށް ހުށަހެޅުމުން، މައްސަލައެއް ދިމާނުވާނަމަ ޕާޓީ ރެޖިސްޓްރީ ކޮށްދޭނެއެވެ.

އެގޮތުން ދާދި ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އާންމު ޖަލްސާ ވަނީ ބާއްވައިފައެވެ. އަދި އެ ޖަލްސާގެ ނިންމުންތައް އީސީއަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭން ނިންމައިފައެވެ. އީސީން ބުނީ، އެކަމުގެ ސެޓްފިކެޓް ހަވާލުކުރުން އަންނަ ހޯމަ ދުވަހު ބާއްވާނެ ކަމަށެވެ.

އެމްއާރުއެމްއާއެކު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ޕާޓީއެއް އޮންނާނެއެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްޑީއޭ، ޑީއާރުޕީ، ޕީއެންސީ، ލޭބާ ޕާޓީ، އެމްޓީޑީ އަދި އެމްއާރުއެމްއެވެ.