ހާލަތު ދަށްކަމުން ބަންދުކުރި މާލެ ޖަލު އެނެކްސް 1 މަރާމާތަށްފަހު އަލުން ހުޅުވައިފިއެވެ.
މިއަދު މެންދުރުފަހު މާލެ ޖަލުގައި ބޭއްވި ހަފްލާއެއްގައި އެތަން ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ. އަދި އެތަނަށް ގެނެވުނު ބަދަލުތައް މިނިސްޓަރު ވަނީ ބައްލަވާލައްވައިފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މިއީ އިންސާނީ ކަރާމާތާއި ޝަރަފަށް އެކަށީގެންވާ މިންވަރަކަށް ޖަލުތަކުގެ ހާލަތު ގެނައުމައްޓަކައި މި ސަރުކާރުން ފަށާފައިވާ މަސައްކަތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ.
އެގޮތުން މަރާމާތަށްފަހު ހުޅުވި އެނެކްސް 1 ގޮޅިއެއްގައި މީގެ ކުރިން 17 މީހުން ބޭތިއްބި ނަމަވެސް މިއަދުން ފެށިގެން ތިބޭނީ 10 މީހުން ކަމަށާއި އަދި ކުރިން ހެނދުނު ހަޔަކުން އިރުއޮއްސި ހަޔަކަށް ގޮޅިތަކުގައި ތިބެންޖެހޭ ގޮތަށް އޮތް ނަމަވެސް މިހާރު ފަތިހު ފަހަކުން ގޮޅިތަކުން ބޭރަށް ނެރި، ދެން ގޮޅިތަކަށް ވައްދާނީ ރޭގަނޑު ދިހައެއް ޖަހާއިރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން އެނެކްސް 1 ގެ ގޮޅިތައް ސީލިން ކުރެވި ރަނގަޅު ފެންވަރުގެ ފާހާނާއަށް ބެހެއްޓިފައިވާއިރު، ގައިދީން ބޭރަށް ނުކުމެ އުޅުމަށާއި ޓީވީ ބެލޭނެ ނިޒާމެއް ވެސް މިހާރު ވަނީ ހަމަޖައްސައިފައެވެ.
"އެހެންކަމުން ގައިދީންގެ ގޮތުގައި ގެންގުޅެންޖެހޭ ދައުލަތުގެ ބެލުމުގެ ދޮށުގައި ބައިތިއްބަން ޖެހޭ، މީހުންނަށް ތަނުގެ ގޮތުންނާއި އަދި ދެވޭ ހިދުމަތުގެ ގޮތުން ވެސް މިވަނީ ބޮޑުތަން އިތުރު ކުރެވިފަ. އެއީ އަޅުގަނޑުމެން މި ސަރުކާރުން ގަބޫލުކުރާ ގޮތުގައި ގައިދީންގެ ގޮތުގައި ބަންދު ކުރެވޭ މީހުންނަށް، އެމީހުން ރިހެބިލިޓޭޓުކޮށް އިންސާނީ ހައްގާއި ކަރާމާތް ފުރިހަމައަށް ފޯރުކޮށްދިނުމުގެ ތެރެއިން ކުރެވޭ މަސައްކަތް،" އިމްރާން ވިދާޅުވިއެވެ.