ޚަބަރު

ރައީސް އިބޫ ދިރިއުޅުއްވަން މުލިއާގޭގެ މަރާމާތު މަސައްކަތް ފަށައިިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ދިރިއުޅުއްވަން މުލިއާގޭގެ މަރާމާތުގެ މަސައްކަތްތައް މިހާރު ކުރިޔަށް އެބަދާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިޔަށް ދާ ނޫސްވެރީންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ރައީސް އިބޫ އާއި ނައިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވަން ނިންމަވައިފައި ވަނީ ދައުލަތުން އެކަމަށް ކަނޑއަޅުއްވާފައިވާ އިމާރާތުގައި ކަމަށެވެ.

"އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިރިއުޅުއްވާނީ މުލިއާގޭގަ. ނައިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވަން ހަމަޖެހިފައި ވަނީ ހިލާލީގޭގަ." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ހިލާލީގޭގެއަށް ވަނުމުގެ ފުރުސަތު އަދި ލިބިވަޑައިގެންފައި ނުވާ ކަމަށާއި އެހެން ކަމުން އެތަނުގެ ހާލަތު ހުރި ގޮތެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު މުލިއާގެ ބޭނުންކޮށްފައި ވަނީ މެޑަމް ފާތުމަތު އިބްރާހީމްގެ ކެމްޕޭން ހަރަކާތްތަކަށެވެ.