ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފަކަށް ހަމަލާއެއް ދީފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯގެ މުވައްޒަފަކަށް ރޭގެ ވަގުތެއްގައި މީހަކު ކުނި ކޮތަޅުން ދިން ހަމަލާއާ ގުޅިގެން ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ވެށިފާރަވެރިޔާ، ޔޫނުސް އާދަމް ކޮއެއަށް މީހަކު ހަމަލާދިން މައްސަލަ ރޭގެ 19:53 ހާއިރު އެ ކުންފުނީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
މިދިޔަ އަހަރުން ފެށިގެން ކުނި ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ޔޫނުސް އާދަމް ކޮއެއަށް ހަމަލާދިނީ، ކުނި ކޮތަޅެއް ހިފައިގެން އައިސް ވެމްކޯގެ ޑަސްބިންއަކަށް ލާން އުޅުނު މީހަކާ ދިމާލަށް، ވެމްކޯގައި ރަޖިސްޓްރީކޮށްފައި ނުވާނަމަ ކުނި ނޫކޭނެ ކަމަށްބުނެ ހުރަސް އެޅުމުންނެވެ. އެހެން ބުނުމުން އެ މީހާ ވަނީ ޔޫނުސް އާދަމް ކޮއެގެ ބޮލުގައި ކުނިކޮތަޅުން ޖެހުމަށްފަހު، ގޮސްފައެވެ.
ވެމްކޯގެ ވެރިން މިއަދު ވަނީ ޔޫނުސް އާދަމް ކޮއެއާ ބައްދަލުކޮށް، އޭނާއަށް އަށް ހިތްވަރުދެއްވާފައެވެ. ވެމްކޯއިން ބުނީ މުވައްޒަފުންނަށް ދޭ މިފަދަ ހަމަލާތަކަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެފަދަ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ވެމްކޯ އިން 27000 އަށްވުރެ ގިނަ ގޭބީސީގެ ކުނި ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާއިރު، ރާއްޖެ "ސާފު ރާއްޖެ" އަކަށް ހެދުމަށް މަސައްކަތްކުރާ ވެމްކޯގެ މުވައްޒަފުންގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް ވެމްކޯ އިން ވަނީ އެދިފައެވެ.