ހުޅުމާލޭގައި ހުންނަ "ފިޔަވަތި"ގެ ހާލަތު ރަނގަޅު ކުރުމަށް އިންޑިއާއިން 1،998،206 މިލިއަންގެ ހިލޭ އެހީ ދީފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ، އިޖުތިމާއީ، އިގުތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދީފައިވާ ހިލޭ އެހީގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކޮށް އިތުރަށް ތަނަވަސް ކުރުމަށްޓަކައި ދިން އެހީއެއް ކަމަށެވެ.
މި މަޝްރޫއުގެ ތެރޭގައި އިމާރާތުގެ ސެކިއުރިޓީ ތަރައްގީކުރުމާއި، އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކުރުމާއި، ކުދިންގެ އާންމު ބޭނުންތަކަށް ބޭނުންކުރާނެ ޖާގަ ތައްޔާރުކުރުން ހިމެނެއެވެ. މި މަޝްރޫއުގެ ސަބަބުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ގާއިމުވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާޗު މަހު 17 އިން 18އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.