ބައިނަލްއަގްވާމީ ފަތުރުވެރިންގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ރާއްޖެއިން ހެދި ފްރީ ޑައިވް ރެކޯޑް ރަސްމީކޮށް ރިކޯޑު ފޮތަށް އަރުވައިފި އެވެ.
ރާއްޖެއިން މި ރިކޯޑު ގާއިމް ކޮށްފައިވަނީ އެކެއް އޮކްޓޯބަރުގައި ''ނޭވާ''ގެ ނަމުގައި ބަރޮސް މޯލްޑިވްސް ގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގަ އެވެ. 521 މީހުންނާއެކު ރާއްޖެއިން މި ރެކޯޑު ހަދާފައިވަނީ މި ހަރަކާތުގައި ބައިވެރިވި އެންމެން 30 ސިކުންތަށް ތިން މީޓަރު ފުނަށް ފީނައިގެންނެވެ.
މި ރެކޯޑު ގާއިމު ކުރުމަށް ބަރޮސް ފަޅުތެރެއަށް ފީނި 521 މީހުންގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ފްރީ ޑައިވިންގްގެ ދުނިޔޭގެ ރެކޯޑް ދެ ފަހަރެއްގެ މަތިން ގާއިމް ކޮށްފައިވާ ވިލިއަމް ޓްރޫބްރިޖް ވެސް ހިމެނެއެވެ.
ރާއްޖެއިން ދުނިޔޭގެ ރެކޯޑު ފޮތަށް އަރާފައި ވަނީ އިޓަލީން ހަދާފައިވާ ރެކޯޑު މުގުރާލައިގެންނެވެ. އިޓަލީން ފްރީ ޑައިވް ރެކޯޑު ހަދާފައިވަނީ މީގެ 10 އަހަރު ކުރިން، 2009 ވަނަ އަހަރު އިޓަލީގެ ވެރޯނާގައި 280 މީހުންނާއެކު ކުރި ފްރީ ޑައިވެއްގައެވެ.