ޝަހީދާ އަބްދުﷲ ސައީދު
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބޭ އަދަދަށް ވުރެ ދެ ގުނަ އިތުރަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް ޓްރާންސިޝަން ކޮމެޓީން ބުނެފި އެވެ.
ޓްރާންސިޝަން ކޮމެޓީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމެޓީގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ ސަރުކާރު ހިއްސާވާ 25 ކުންފުނި އޮތްއިރު އޭގެ ތެރެއިން ދައުލަަތަށް ފައިދާވެފައި ވަނީ ނުވަ ކުންފުންޏަކުން ކަމަށެވެ. އަދި ކުންފުނި ތަކަށް ލިބޭ އަދަދަށްވުރެ ދެގުނަ އިތުރަށް ކުންފުނި ތަކަށް ހަރަދުކޮށްފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން ކިހާވަރެއް ޚަރަދު ކުރަން ޖެހޭތޯ ޓްރާންސިޝަން ކޮމެޓީން ބެލި ބެލުމުން ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި 2019 ވަނަ އަހަރު ދައުލަތުން ދޭންޖެހޭނެ ކަމަށް 784،789،00 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި އެބަ އޮތް ކަމަށެވެ.
އަދި ސަބްސިޑަރީ އާއި ލޯން ރިޕޭމެންޓުގެ ގޮތުގައި 2019 ވަނަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނި ތަކަށް ދައުލަތުގެ ބަޖެޓުގައި 1.3 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާކަމަށެވެ. އެހެންކަމުން ދައުލަތަށް ކުންފުނިތަކުގެ ފަރާތުން ލިބެނީ 891 މިލިއަން ރުފިޔާ ކަމަށާއި، އެހެން ނަމަވެސް ދައުލަތުން ކުންފުނި ތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގަޔާއި ސަބްސިޑަރީގެ ގޮތުގައި، އަދި ލޯން ރިޕޭމެންޓުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.
''ލިބޭ އެއްޗަކަށްވުރެ ދެގުނަ ދައުލަތުގެ ބަޖެޓުން މި ކުންފުނި ތަކަށް އެބަ ޚަރަދު ކުރޭ. ކުންފުނިތަކުން އެކި ފަރާތްތަކަށް 3.9 ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ބެލިބެލުމުން އެބަ ދައްކާ. އަދި އެހެން ފަރާތްތަކުން 4.4 ބިލިއަން ރުފިޔާ އެ ކުންފުނިތަކަށް ލިބެންޖެހޭ ކަމަށް ލިބުނު މައުލޫމާތު ތަކުން އެނގޭ.'' އިލްޔާސް ވިދާޅުވި އެވެ.
މީގެ އިތުރުން އިލްޔާސް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 22،212 މުއައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ޓްރާންސިޝަން ކޮމެޓީން ކުންފުނިތައް އެސެސް ކުރުމަށް ކުރި މަސައްކަތުގައި ހަ ކުންފުންޏެއްގެ އެއްބާރުލުން އެއްވެސް ގޮތަކަށް ނުލިބޭ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ޕީއެސްއެމް، ފެނަކަ ކޯޕަރޭޝަން، އެޗްޑީސީ، އެމްޕީއެލްގެ އިތުރުން އާސަންދަ އާއި، އެމްޓީސީސީ، އަދި ކައްދޫ އެއާޕޯޓް ކުންފުނި ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިބްރާހީމް އާޒިމް ވިދާޅުވީ އެސްޓީއޯ ވެސް އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ކަމަށެވެ. އެގޮތުން މިފްކޯ ނުހިންގި މާލީ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހުމުން މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކޮށް ކުރިއަށް ދާން ކުރި މަސައްކަތުގައި އެސްޓީއޯ ވެސް ދަރަނިވެފައިވާ ކަމަށް ވިދާޅުވިއެވެ.