އިބްރާހިމް ޒަކީ
ޓެރަރިޒަމާ ގުޅޭ ޖަމާއަތެއް ކަމަށްބުނެ، ދީނީ ކަންތައްތައް ކުރިއަރުވަން އުފައްދާފައިވާ ސަލަފް ޖަމިއްޔާއަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުން ތައްޔާރު ވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ދިރާސާ ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، (241 ކޮމިޓީ) މިއަދު ނިންމާނެ ކަމަށެވެ.
އެ ރިޕޯޓު ދިރާސާ ކުރުމަށް އެ ކޮމިޓީން ކުޑަ ސަބް ކޮމިޓީއެއް ނަގާފައިވާ ކަމަށާއި އެ ކުޑަ ކޮމެޓީގެ މަސައްކަތް ރޭ ނިންމާލާފައިވާއިރު، އެ ކޮމިޓީގެ ރިޕޯޓްގައި ޓެރަރިޒަމްގެ އަމަލުތަކަށް ވާގިދޭ ޖަމާއަތްތަކާ ގުޅޭގޮތުން މަޖިލީހުން ނިންމަން ޖެހޭ ގޮތްތަކެއް ހިމެނޭ ކަމަށެވެ.
ސަލަފް ޖަމާއަތަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި އެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެ ޖަމާއަތަށް މަޖިލީހުން ފިޔަވަޅު އެޅުމަށް ކުޑަ ކޮމިޓީން މިއަދު ޓޫފޯވަން ކޮމިޓީއަށް ހުށަހަޅައި ފާސް ކުރާނެ ކަމަށާއި އެ ކޮމިޓީން ފާސްކޮށް އެ މައްސަލަ ވަރަށް އަވަހަށް މަޖިލީހުގެ ތަޅުމަށް އަންނާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ދީނީ ހަރުކަށި ފިކުރުމުގެ ޖަމާަތްތަކުގެ މައްސަލައިގައި ތަކުރާރުކޮށް ސަލަފް ޖަމިއްޔާއަށް ޓާގެޓް ކުރުމާ ގުޅިގެން އިދިކޮޅު ޕާޓީގެ މެންބަރު ނައިފަރު ދާއިރާގެ މެންބަރު ނިޒާމީ މައްސަލަ ފާހަގަ ކުރައްވައި އެކަން ރިޔާސަތުގެ ސަމާލުކަމަށް ގެންނެވިއެވެ.
ޝިޔާމު ވިދާޅުވީ އެ މައްސަލައިގައި ވަކި ބަޔަކަށް ޓާގެޓް ކޮށް ވަކި ބަޔެއްގެ ބޮލުގައި މުޅި ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ބަދުނާމު ނޭޅުވޭނެ ކަމަށެެވެ.
ޝިޔާމަށް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ސަލަފް ޖަމިއްޔާ ރަޖިސްޓްރީ ކޮށް ނުދިނުމަށް ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކާއި، ކަމުވޮށިގެންވާ އެތައް ބަޔަކާއި ސިޔާސީ އެތައް ބަޔަކު އެދެމުން ދަނިކޮށް އެ ޖަމިއްޔާ ރަޖިސްޓްރީ ކޮށްދިނީ އެމްޑީޕީގެ ވެރިކަމުގައި އެ މަނިކުފާނު ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަވައިގެން ކަމަށެވެ. އަދި އެ ޖަމިއްޔާ ރަޖިސްޓްރީ ކޮށްދިނީ އޭރު އެ ޖަމިއްޔާ ރަޖިސްޓްރީ ނުކޮށްފިނަމަ އެ ޖަމިއްޔާ މަސައްކަތް ކުރާނީ އަންޑާ ގްރައުންޑްގައި ކަމަށްވާތީ ކަމުގައިވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރާއްޖޭގައި ޓެރަރިސްޓް ޖަމާއަތްތަކާއި ނެޓްވޯކުތައް ހިންގާކަން އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި އަފްޣާން ޕާކިސްތާނާއި އީރާނާއި އިރާގާއި ހަނގުރާމަ ހިންގާ އެތައް ތަނަކުން ދިވެހި ރައްޔިތުން ހިފައި ހައްޔަރުކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މިކުރާ މަސައްކަތަކީ އެފަދަ ތަންތަނަށް މީހުން ފޮނުވާ ހަރުކަށީ ހިޔާލުގެ ނެޓްވޯކް ހިންގަނީ ކޮންބައެއްތޯ އާއި އެމީހުން ހޯދައި އެކަންކަން ހުއްޓުވުމުން ކަމަށެވެ.