ޓޮޓެންހަމް ހޮޓްސްޕާ

ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމުން ޕޮކެޓީނޯ ވަކިކޮށްފި

ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުކަމުގެ މަގާމުން މައުރީސިއޯ ޕޮކެޓީނީ ވަކިކޮށްފިއެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ 2014 ވަނަ އަހަރު ހަވާލުވި ޕޮކެޓީނޯ ވަނީ އެކްލަބަށް ގިނަ ކުރިއެރުންތަކެއް ހޯދައިދީފައެވެ. އެގޮތުން ޕޮކެޓީނޯ ވަނީ މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓޮޓެންހަމް ގެންގޮސްދީފައެވެ. ފައިނަލުގައި ޓޮޓެންހަމް ބަލިވީ ލިވަޕޫލް އަތުންނެވެ.

މިދިޔަ ސީޒަނުގައި ޓޮޓެންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މިސީޒަނުގައި އެޓީމަށް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. ޕްރިމިއާ ލީގުގައި މިވަގުތު ޓޮޓެންހަމް އޮތީ 14 ވަނައިގައެވެ. އެޓީމާއި ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު 20 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ޓޮޓެންހަމްއަށް މޮޅެއް ހޯދިފައެއް ނުވެއެވެ.

ޓޮޓެންހަމްގެ ކޯޗިން ސްޓާފަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަން އެކްލަބުގެ ޗެއާމަން ޑެނިއެލް ލެވީ ވަނީ އިއުލާންކޮށްފައެވެ. ޕޮކެޓީނޯއާއެކު އޭނާގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނޭ ޖެސުސް ޕެރޭޒާއި މިގެލް ޑި އަގޮސްޓީނޯ އަދި އެންޓޯނިއޯ ޖިމެނޭޒް ވަކިކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

"ބޯޑުން ވަނީ މި ނިންމުން ނިންމާފައި. މިދިޔަ ސީޒަނުގެ ޑޮމެސްޓިކް މުބާރާތްތަކުގެ ނަތީޖާތަކާއި މިސީޒަނުގެ ފެށުން ދިޔައީ ވަރަށް ގޯސްކޮށް. މިއީ ބޯޑަށް ނިންމަން ޖެހުނު ވަރަށް އުނދަގޫ ނިންމުމެއް. މި ނިންމުމަކީ ކްލަބަށް އެންމެ ފައިދާވާނެ ގޮތަކަށް ބަލާފައި ނިންމި ނިންމުމެއް. ޕޮކެޓީނޯ އާއި އޭނާގެ ކޯޗިން ސްޓާފް، ކްލަބުގެ ތާރީހުގެ ތެރޭގައި ހިމެނޭނެ. މި ކްލަބަށް ގެނެސްދިން ތާރީހީ ކާމިޔާބީތަކަށް ޕޮކެޓީނޯ އާއި އޭނާގެ ކޯޗިން ސްޓާފަށް ޝުކުރު އަދާކުރަން،" ޓޮޓެންހަމްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އެ ކްލަބުގެ ޗެއާމަން ލެވީ ވިދާޅުވިއެވެ.

ޓޮޓެންހަމް އިން ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ނުކުންނަން ޖެހޭނެއެވެ. އަދި ޗެމްޕިއަންސް ލީގުގައި އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި އޮލިމްޕިއާކޯސްއާ ދެކޮޅަށް ޓޮޓެންހަމް ނުކުންނަން ޖެހޭނެއެވެ.