ސިޔާސީ ޕާޓީތަކުގެ އެންމެހާ ލީޑަރުންނަށް ވާދަ ކުރެވޭނެ ގޮތުގެ މަތިން އަލުން މިނިވަން ރިޔާސީ އިންތިހާބެއް ބޭއްވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
ޖާބިރު މިއަދުގެ މަޖިލީހަށް ހުށަހެޅި ގަރާރު ޑީއާރުޕީން ޓުވީޓް ކުރި ނަމަވެސް ގަރާރު އަދި މަޖިލީހުގައި ތާވަލެއް ނުކުރެއެވެ.
ޖާބިރުގެ ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގައި ބޭއްވެ ކޮންމެ ރިޔާސީ އިންތިހާބަކީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ވާދަކުރެވޭ ގޮތުގެ މަތިން ބޭއްވޭ މިނިވަން އިންތިހާބަކަށް ވާންޖެހޭއިރު މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ވެފައިވަނީ ގާނޫނުއަސާސީ އާއި ހިލާފަށް ބޭއްވުނު ރިޔާސީ އިންތިހާބަކުން ކަމަށެވެ.
އެހެންކަމުން ސިޔާސީ ޕާޓީތަކުގެ އެންމެހާ ލީޑަރުންނަށް ވާދަ ކުރެވޭނެ ގޮތުގެމަތިން އަލުން މިނިވަން ރިޔާސީ އިންތިހާބެއް ބޭއްވޭނެ ގޮތުގެމަތިން ކުރަންޖެހޭ މަސައްކަތްތައް ވަގުތުން ފެށުމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
"އަވަސް މުއްދަތެއްގައި އަލުން ރިޔާސީ އިންތިހާބެއް ބޭއްވުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް ލާޒިމުކޮށް މިއިއްޒަތްތެރި މަޖިލީހުން ގަރާރެއް ފާސްކުރުމަށް ބާރުއެޅުމުގެ ގޮތުން މި ގަރާރު ހުށަހެޅީމެވެ،" ޖާބިރުގެ ގަރާރުގައި ބުނެފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރެއްގެ މަގާމުގައި ކުރިން ހުންނެވި ޖާބިރު މިފަހަކަށް އައިސް މި ސަރުކާރަށާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދަނީ ވާހަކަ ދައްކަވަމުންނެވެ. އަދި ރައީސް ސޯލިހަށް ތަފާތު ތުހުމަތުކޮށް، އެމަނިކުފާނުގެ އިސްތިއުފާއަށް ވެސް ޖާބިރު ވަނީ މަޖިލީހުގެ ތެރޭގައި ގޮވާލައްވައިފައެވެ.