އައިވަރީ ކޯސްޓުގެ ފުޓުބޯޅަ ތަރި ޔާޔާ ޓޫރޭ މާދަމާ ރާއްޖެ އައުމަށް ނިންމައިފިއެވެ.
ޓޫރޭ މާދަމާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެގްޒެކެޓިވް ކޮމިޓީގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ކިޑްސް ފެސްޓިވަލުގައި ބައިވެރިވުމަށެވެ.
އަންނަ ބުރާސްފަތި ދުވަހު ބާއްވާ ކިޑްސް ފެސްޓިވަލުގައި ބައިވެރިވުމަށް ޓޫރޭ ރާއްޖެ އައުމަށް ދައުވަތު އަރުވާފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އެ ދައުވަތު ގަބޫލުކޮށް ރާއްޖެ އައުމަށް ނިންމާފައިވާކަން ވީޑިއޯ މެސެޖަކުން ޓޫރޭ ވަނީ އިއުލާންކޮށްފައެވެ.
އެފްއޭއެމް އެކްސްކޯގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ކިޑްސް ފެސްޓިވަލް ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އިން ފެށިގެން 6:00 އަށް ގައުމީ ފުޓުބޯޅަ ދަނޑުގައެވެ. އެ ފެސްޓިވަލުގައި 600 ކުދިން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އެ ފެސްޓިވަލުގައި ބައިވެރިވާ ކުދިންނަށް ޓޫރޭއާއެކު ފުޓުބޯޅަ ހަރަކާތްތަކުގައި ބައިވެރިވެ، އޭނާއާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.
ޓޫރޭއަކީ ގްރީސްގެ އޮލިމްޕިއާކޯސް އާއި ފްރާންސްގެ މޮނާކޯ އާއި ސްޕެއިންގެ ބާސެލޯނާ އަދި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއަށް ކުޅުނު މިޑްފީލްޑަރެކެވެ. މިއަހަރުން ފެށިގެން އޭނާ ކުޅެމުންދަނީ ޗައިނާގެ ގިންގްޑާއޯ ހުއަންގްހާއީ އަށެވެ. ޓޫރޭ އެންމެ ފާހަގަކޮށްލެވެނީ ސިޓީގެ ޖާޒީގައެވެ. 2010 އިން ފެށިގެން 2018 އަށް ސިޓީއަށް މޮޅު ކުޅުމެއް ދައްކައި، އޭނާ ވަނީ އެކްލަބާއެކު ތިން ޕްރިމިއާ ލީގާއި ދެ އެފްއޭ ކަޕާއި ދެ ފުޓްބޯލް ލީގު ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑެއް ކާމިޔާބުކޮށްފައެވެ.
ޓޫރޭ ވަނީ 2004 އިން ފެށިގެން 2015ގެ ނިޔަލަށް އައިވަރީ ކޯސްޓުގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ގައުމީ ޓީމަށް މޮޅު ކުޅުމެއް ދައްކައިފައެވެ. އޭނާ ވަނީ ހަތަރު އަހަރު އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދައިފައެވެ.