ޚަބަރު

މާލޭގެ މަގުތަކަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރަން މަޝްރޫއެއް ފަށަނީ

މާލޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކުގެ މައްސަލަތަކާއި ފެންބޮޑުވުމުގެ މައްސަލަތައް ހައްލުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މި މަޝްރޫއުގެ ބޭނުމަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް މާލޭގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށް ފަހިވާގޮތަށް ތަރުތީބު ކުރެވިފައިވާ ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށެވެ.

އެގޮތުން އެފަދަ މަޝްރޫއެއް ފެށުމަށް ރައީސް ނިންމެވީ އެކަމާބެހޭގޮތުން މާލޭ ސިޓީ ކައުންސިލުގެ އިސްނެންގެވުމަކާއެކު އެކުލަވާލައްވާފައިވާ "ސްޓްރީޓް ސްކޭޕިން ޑިވެލޮޕްމަންޓް ޕްލޭން" އާއި ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީން ހުށަހަޅުއްވާފައިވާ ކަރުދާހަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މާލޭގެ ސްޓްރީޓް ސްކޭޕިން ޑިވެލޮޕްމަންޓް ޕްލޭނަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި މާލެއަށް މިހާރު ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަތަކަށް ރިއާޔަތްކޮށް މާލޭގެ މަގުތަކަކީ ވަކިގޮތަކަށް ތަރުތީބު ކުރެވިފައިވާ މަގުތަކަކަށް ހެދުމުގެ ބޭނުމުގައި އެކުލަވާލެވިފައިވާ ޕުލޭނެކެވެ.

މި މަޝްރޫއުގެ ޕުލޭނާ އެއްގޮތަށް މަގުތައް ހެދިގެންދާއިރު މާލޭގެ މަގުތައް ގިންގި ކުރެވި ދުއްވާ އުޅަނދުފަހަރާއި ހިނގާބިނގާވެ ހަދާ ފަރާތްތަކަށް ފަހި މަގުތަކަކަށް ހެދިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ހައްލު ލިބި، ފެންހިނދުމުގެ ނިޒާމާއި ޑީވޯޓަރިންނާއި އަދި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ނަރުތަކާއި ކަރަންޓް ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމުފަދަ ޔޫޓިލިޓީގެ ހިދުމަތްތަކުގެ ނިޒާމު ވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، މި ޕްލޭނާ އެއްގޮތަށް މަގުތައް ގިންތި ކުރެވޭއިރު އާންމު ދަތުރުފަތުގެ ހިދުމަތް އަލުން ތައާރަފުކުރެވި މަގުތައް ފެހިކޮށް، ހިނގާބިގާވެ އުޅުމަށް ފަހި މާހައުލެއް ގާއިމުކުރެވި، ފައިމަގުގައި އުޅުމަށް ހިތްވަރު ލިބި މަގުތައް ބޭނުން ކުރުމަށް ވެސް އިތުރަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.