ހައްޖު ކޯޕަރޭޝަން

ރައްޔިތުންގެ ފައިސާއިން 30 މިލިއަނެއްހާ ރުފިޔާ ވަނީ ހައްޖު ކޯޕަރޭޝަނުން ހޭދަކޮށްފައި: ޓްރާާންސިޝަން ކޮމިޓީ

އަހުމަދު ޖައިޝަން

މުސްތަގުބަލުގައި ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންއަށް ދައްކާފައިވާ ފައިސާއިން ވަނީ 30 މިލިއަން ރުފިޔާ އެކި ކަންތަކަށް ހޭދަކޮށްފައިކަމަށް ޓްރާންސިޝަން ކޮމިޓީއިން ބުނެފި އެވެ.

ޓްރާންސިޝަން ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ލަބީބް ވިދާޅުވީ ކުރިއަށް އޮތް އަހަރު ތަކުގައި ހައްޖަށް ދިޔުމަށް އެ ފަންޑަށް ރައްޔިތުން ޖަމާކޮށްފައިވާ ފައިސާއިން 30 މިލިއަނެއްހާ ރުފިޔާ ނަގާފައި ހޭދަކޮށްފައިވާ ގޮތުގެ މައުލޫމާތެއް ނުލިބޭ ކަމަށެވެ.

"އެފަދަ މާތް މަގްސަދެއްގައި ކުރާ މަސައްކަތެއްގައި އެއްކޮށްފައިވާ ފައިސާ އަކުން ވަނީ އެފަދަ ގޯސް ކަމެއް ހިންގާފައި،" އިލްޔާސް ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ އެކައުންޓުގައި 300 މީހަކަށް ހައްޖަށް ދެވޭނެ ފައިސާ މިހާރު ނެތް ކަމަށް އިލްޔާސް ވިދާލުވިއެވެ. އަދި ރައްޔިތުންގެ ފައިސާ ހޭދަކޮށްފައިވާ ގޮތުގެ މައުލޫމާތު ލިބެން ޖެހޭ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ހައްޖަށް ދާ ފަރާތްތަކުގެ ތެރެއިން ކޮންމެ ރައްޔިތަކަށް ސަރުކާރުން 20،000 ރުފިޔާ އިތުރަށް ހޭދަކޮށްފައިވާ ކަން އެނގިފައިވާ ކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ކޯޕަރޭޝަންގެ ތެރޭގައި ހިނގާފައި މިވަނީ ހިތާމަވެރި ކޮރަޕްޝަންގެ އަމަލުތައް ކަމށް ފާހަގަކުރައްވަމުން އިލްޔާސް ވިދާޅުވީ ސިޔާސީ ބޭފުޅުންގެ ނުފޫޒުގައި އެ ބޭފުޅުން ބޭނުންވާ ވަކި ބައެއް ވަނީ މީގެ ކުރީން ހައްޖަށް ފޮނުވާފައި ކަމަށެވެ. އަދި އޭގެ އިތުރުން ކްރެޑިޓަށްވެސް މީހުން ހައްޖަށް ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.

"ބެލިބެލުމުގައި ކުރީގައި އެހެން ކުންފުނިތަކުން ހައްޖަށް ދިއުމަށް ފައިސާ ދައްކާފައި ނުދެވި ތިބި އެންމެނަކަށް އަދިވެސް ހައްޖު ކޯޕަރޭޝަން އުފެދުނު ފަހުން ހައްޖު ކުރެވިފައެއް ނުވޭ،" އިލްޔާސް ވިދާޅުވިއެވެ.