އިބްރާހިމް ޒަކީ
އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ރާއްޖެއިން އަމަލު ކުރަމުންދާ ސިޔާސަތުތަކާ ގުޅޭގޮތުން އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ އެންޑް އަދަރ ކްރުއަލް، އިންހިއުމަން އޮރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޮރ ޕަނިޝްމަންޓް ޕްރޮފެސަރ ނިލްސް މެލްޒަރ އާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޝްވަރާ ކުރައްވައިފިއެވެ.
މި މަށްވަރާތައް ކުރިއަށް ދިޔަވީ، އދ. ގެ ސްޕެޝަލް ރެޕަޓުއަރ މަޖިލީހުގެ ރައީސާއެކު މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މިއަދު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ، އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ދިވެހިރާއްޖެއިން އަމަލުކުރަމުންދާ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ލާއިންސާނީ އަމަލުތަކާއި އަނިޔާވެރިކަން ހުއްޓުވުމަކީ ދިވެހިރާއްޖެއިން ބޮޑު އަހުމިއްޔަތުކަމެއް ދެއްވާކަމެއްކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، އދ. ގެ އެކިއެކި ގުނަވަންތަކުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވިއެވެ.
މި ބައްދަލުވުމުގައި، އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ އެންޑް އަދަރ ކްރުއަލް، އިންހިއުމަން އޮރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޮރ ޕަނިޝްމަންޓް ޕްރޮފެސަރ ނިލްސް މެލްޒަރ، އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފުސީލު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާ ހިއްސާކުރެއްވިއެވެ. އަދި، ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށްޓަކައި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި އެކަމުގައި ދިމާވާ ގޮންޖެހުންތަކާމެދުވެސް މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަޤުވާމީ އުސޫލުތައް ތަންފީޒުކުރުމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރެއްވިއެވެ.