ޚަބަރު

އިންކަމް ޓެކްސް ނެގުމުގެ ބިލު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް

އިބްރާހިމް ޒަކީ

އާމްދަނީން ޓެކްސް ނެގުމުގެ ބިލް (އިންކަމްޓެކްސް ގެ ބިލް) ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައި ގަތީ، ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 69 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މަޖިލީހަށް ބިލު ބަލައި ގަތުމުން އެ ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ބިލު ފޮނުވިކަން އިއުލާން ކުރައްވައިފައެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ބިލުގައި އިންކަމް ޓެކްސް ނެގުމަށް ހުށަހަޅާފައި ވަނީ 40،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުންނެވެ.

ބިލުގައި ބުނެފައިވަނީ 40،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ މީހުންގެ އަތުން އަށް ޕަސެންޓްގެ ޓެކުހެއް ނެގުމަށެވެ. އަދި 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ މީހުންގެ އަތުން 10 ޕަސެންޓް ނަގަން ހުށަހަޅާފައިވެއެވެ.

އަދި 100،000 ރުފިޔާއަށްވުރެ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 15 ޕަސެންޓް ނެގުމަށް ވަނީ ހުށަހަޅައިފައެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ގާތްގަނޑަކަށް 6،000 މީހުންގެ އަތުން އެ ޓެކްސް ނެގޭނެ ކަމަށް ބެލެވޭ ކަމަށެވެ.