އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނުއަސާސީއާ ހިލާފު ނިންމުންތަކުގައި ބައިވެރިވި ފަނޑިޔާރުންގެ މައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖޭއެސްސީއަށް އެކަން އަންގަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ގެނައީ ޖޭއެސްސީން މައްސަލަ ބެލުމަށް ފަހު މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ގެންގޮސް އެކަން ދިރާސާކޮށް ކޮމިޓީން މަޖިލިސް ތަޅުމަށް ގެނަސް ގެންނެވެ.
ޖޭއެސްސީން މަޖިލީހަށް ފޮނުވި، ރިޕޯޓްގައި ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުތަކެއް ކަމަށް ފާހަގަކޮށް ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފައެވެ.
އޭގެ ެތރޭގައި މަޖިލީހާއި ޖޭއެސްސީއަށް ލިބިފައިވާ ބާރުތައް ހަނިކޮށް އެ މުއައްސަސާގެ މަަސައްްކަތަށް ހުރަސް އެޅުމާއި، އަދުލު އިންސާފު ގާއިމް ކުރުމުގެ އިދާރީ ކަންކަން ހިންގައި ބެލެހެެއްޓުމަށް ސުޕްރީމް ކޯޓުނުް އަމިއްލައަށް ހަވާލުވުމާއި، ކޯޓުތަކުގެ ގާނޫނުުގެ 82 ވަނަ މާއްދާއިން ފެށިގެން 94 ވަނަ މާއްދާގެ ނިޔަލަށް އުވާލުން ހިމެނެއެވެ.
މީގެ އިތުރުން ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި ސުޕްރީމްކޯޓުން އަމިއްލައަށް ހަވާލު ވުމާއި، ވަކީލުންނަށް ވަކާލާތު ކުރުން މަނާ ކުރުމާއި، އިސްތިއުނާފް ކުރުމުގެ މުއްދަތު ކުޑަކޮށް އެ މުއްދަތާ ގުޅޭގޮތުން ކޯޓުތަކުގެ ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާއި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކުރުންވެސް ހިމެނެއެވެ.
އެ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނުއަސާސީއާ ހިލާފު ނިންމުންތަކުގެ ގޮތުގައި ޖޭއެސްސީން ރިޕޯޓްގައި 14 ކަމެއް ހިމަނާފައިވެއެވެ.
މިކަމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރި ފާސް ކުރުމުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނުއަސާސީއާ ހިލާފު ނިންމުންތަކާއި ސުޕްރީމް ކޯޓުގެ އެ ނިންމުންތަކުުގައި ބައިވެރިވެފައިވާ ފަނޑިޔާރުން އެ ނިންމެވުންތައް ނިންމަވާފައިވަނީ، ތައައްސަބާއި ނުފޫޒުން އެއްކިބާވެ ތިއްބަވައިގެން ކަމަށް ބެލެވެން ނެތް ކަމަށެވެ.
އަދި އެ ފަނޑިޔާރުންގެ ގާބިލިއްޔަތާމެދު ސުވާލު އުފެދޭ ކަމާއި އަދި މިކަންކަން މިހެން ހުރުމަކީ އެ ފަޑިޔާރުން މަގާމުން ވަކި ކުރެވިދާނެ ހާލަތެއްކަމަށް ވީހިނދު، މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެ ފަނޑިޔާރުންގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނުން ބައްލަވައި ދެއްވައި ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމަށް ޖޭއެސްސިއަށް އެންބުމަށް ފާސްކުރާ ކަމަށެވެ.