ޚަބަރު

ތިމަރަފުށީގައި 100 ހައުސިންގް ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި

މަރިޔަމް ޝަހުދާ

ތިމަރަފުށީގައި އެއް ބުރިޔަށް ހުންނަ 100 ހައުސިންގް ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ތިމަރަފުށީގައި 100 ހައުސިންގް ޔުނިޓު އަޅައިދޭން ޝައުގުވެރިވާ ފަރާތްތަކުން ނުވައެއް ޑިސެމްބަރުގެ ކުރިން ބިޑަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ބިޑަށް ހުޅުވާލާފައިވަނީ ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށެވެ.

މި މަޝްރޫއު ހިންގުމަށް ބީލަމަށް އެދި ރާއްޖޭގެ އިތުރުން ރާއްޖޭގެ ބޭރުގެ ކުންފުނިތަކަށް ވެސް ކުރިމަތި ލެވޭނެއެވެ. އެގޮތުން މި މަސައްކަތަށް އެދި ބިޑަށް ހުށަހެޅޭނީ ޕްލޭނިން މިނިސްޓްރީގެ ''އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު''ގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން GC01 ގެ ގްރޭޑް އެކެއް އަދި ދެޔަކަށް ޝަރުތު ހަމަވެފައިވާ ކޮންޓްރެކްޓަރުންނަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ތިމަރަފުށީގައި 100 ހައުސިންގް ޔުނިޓު އެޅުމުގެ މަޝްރޫއު އަންނަ އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން މި މަޝްރޫއަށް 30 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނާފައި ވެއެވެ.