އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހަށް ދެން ހުށަހަޅުއްވާނީ ބަރުލަމާނީ ނިޒާމުގެ ތެރެއިން، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސަރުކާރު ހިންގުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހޯއްދަވައި ދެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރަށާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަަވަމުން ޖާބިރު ވިދާޅުވީ، ސަރުކާރުގެ މިނިސްޓްރީ ތަކުން އެކަށީގެންވާ މަސައްކަތް ތަކެއް ކުރަމުން ނުދާ ކަމަށެވެ.
ޖާބިރު ވިދާޅުވީ، ހައުސިން މިނިސްޓްރީގެ ބާރުތައް ޕްލޭނިންގ މިނިސްޓްރީން ނަގާފައިވާ ކަމަށާއި ފިޝަރީޒް މިނިސްޓްރީގެ ބާރުތައް އިކޮނޮމިކް މިނިސްޓްރީން ނަގާފައިވާ ކަމަށެވެ.
އެހެންކަމުން ސަރުކާރު ރަނަގަޅަށް އޮޕަރޭޓް ނުވާ ކަމަށާއި ކޮންމެ މިނިސްޓްރީއަށް އެ މިނިސްޓްރީއެއްގެ ބާރުތައް ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ. ނޫންނަމަ އެއް ކަމެއްގައި އެތައް ސިވިލްސާވަންޓުން ތަކެއް އެންގޭޖު ކޮށްފައި ނުބައި ތިއްބައި އެތަންތަން އުވާލަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.
އަދި އެ މިނިސްްޓަރުންނަށް ރައީސްގެ އިތުބާރު ނުކުރެވެންޏާ އެ ފަރާތްތައް މަގާމުން ވަކި ކުރަންޖެހޭ ކަމްވެސް ޖާބިރު ވިދާޅުވިއެވެ.
މަޖިލިސް ރައީސަށް، ޖާބިރު ވިދާޅުވީ ރާއްޖެ ހިންގާނެގޮތް މިހާރު އޮތް ސަރުކާރަށް ނޭންގެންޏާ ބަރުލަމާނީ ނިޒާމެއް ގެނަސް މަޖިލިސް މެދުވެރިކޮށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ސަރުކާރު ހިންގުމާ ހަވާލުވާން ޖެހޭ ކަމަށެވެ.