ޚަބަރު

ޑީކޯވާ މަސްވެރިންނަށް ފަރުވާ ދެވެން ނެތް މައްސަލައިގައި ކުއްލި މައްސަލަ ހުށަހަޅައި ބަހުސްކޮށްފި

އިބްރާހިމް ޒަކީ

އެން ހިފުމަށް ފީނާ މަސްވެރިންނަށް ދިމާވާ ޑީކޯގެ މައްސަލައިގައި، އަވަސް ފަރުވާދޭނެ ވަސީލަތްތައް މަސްވެރި ރަށްރަށުގައި ނެތް މައްްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައި ބަހުސް ކޮށްފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، އެން ނުލިބޭތީ އެން ހިފުމަށް ޑައިވް ކުރުމަކީ ދިވެހި މަސްވެރިންނަށް މަޖުބޫރު ވެފައިވާ ކަމެއް ކަމަށެވެ.

އެކަމުގެ ސަބަބުން މަސްވެރިން ޑީކޯވެ ފަރުވާ ނުދެވުމުގެ ސަބަބުން ދިވެހި އެތައް މަސްވެރިންނެއްގެ ފުރާނަ ގެއްލި، އަނެއްބައި މަސްވެރިން ނުކުޅެދޭ ހާލަތަށް ދިޔުމުގެ ސަބަބުން އެފަދަ އާއިލާތަކަށް ހިތްދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ. އަދި މަސްވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅު ތައް ނާޅައި ތިބުމުން، ނަތީޖާއެއްގެ ގޮތުން އިއްޔެ ޑައިވްކުރި ހުވަދު އަތޮޅު މަސްވެރިއަކަށް ދޭން ޖެހޭ ފަރުވާ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ލިބެން ނެތުމުން އޭނާގެ ހަށިގަނޑުގެ އެއްފަޅި ވާގިނެތިފައިވާކަމަށް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ، މި ކުއްލި މައްސަލަ ހުށަހެޅުއްވީ މަސްވެރިންނަށް ކުރިމަތިވެފައިވާ މި ހިތްތަދި މައްސަލައިގައި ރައްޔިތުންގެ މަންދޫބުންގެ ހިޔާލާއި މަޝްވަރާ ހުރިގޮތް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.

މި ކުއްލި މައްސަލަ ހުށަހެޅުއްވުމުން ބަހުސް ކުރަން ފާސް ކޮށްފައިވަނީ، ޖަލްސާގައި ތިބި 45 މެންބަރުންގެ ތެރެއިން 43 މެންބަރުން ވޯޓު ދެއްްވައިގެންނެވެ.

މި މައްސަލައަށް ވާހަކަ ދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ނަމަވެސް އެ މެންބަރުން ވިދާޅުވީ، އަލަށް މަޖިލީހުން ފާސް ކުރި މަސްވެރިކަމުުގެ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރުމުން އެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެކި ހިސާބުތަކުގައި އެކަމަށް ފަރުވާ ދޭނެ ޗެމްބާސްތައް ގާއިމް ކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އެކަންކަން ކުރެވިގެންދާނެ ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.

ޑައިވް ކުރަނިކޮށް "ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް” (ޑީކޯ) ވި ދެ ދިވެހިން މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެނެސް ވަނީ ފަރުވާދޭން ފަށައިފައެވެ.

އެމްއެންޑީއެފުން ބުނީ ޑީކޯވެގެން މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ 27 އަހަރާއި 39 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. މި ދެމީހުން އައިޖީއެމްއެޗަށް ގެނެސްފައިވަނީ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށެވެ.