ޝަހީދާ އަބްދުﷲ ސައީދު
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ހުންނަވާ ރަސްމީ ގެކޮޅަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު 17 އިންސައްތަ ކުޑަކޮށް، ބަޖެޓްގައި ހިމަނަައިފި އެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ 29 ބިލިއަން ރުފިޔާގެ ބަޖެޓްގައި، އޮފީސްތަކަށް ހިނގާ ހަރަދުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅަށް ކުރާ ހަރަދުގެ ގޮތުގައި 31.6 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ރައީސް ޔާމީން ހުންނަވާ ރަސްމީގެކޮޅު ހިލާލީގެއަށް 2018 ވަނަ އަހަރު، 37.8 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ބަޖެޓްގައި ހިމަނާފައި ވެއެވެ.
އިންތިޚާބީ ރައީސްގެ ރަސްމީ އޮފީހުގެ މަޝްވަރާވެސް ހޯދައިގެން އިބޫ ހުންނަވާ ރަސްމީ ގެކޮޅަށް ހިނގާނެ ހަރަދު ބަޖެޓްގައި ހިމެނި އިރު، އެ އަދަދަކީ، ރައީސް ޔާމީން ދިރިއުޅުއްވާ ރަސްމީ ގެކޮޅަށް ހަރަދުކުރާ އަދަދަށް ވުރެ، 6.2 މިލިއަން ރުފިޔާ މަދު، 17 ޕަސެންޓް ދަށް އަދަދެކެވެ.
ރަސްމީ ގެކޮޅުގެ ހަރަދު ތަފްސީލަށް ބަލާއިރު، އާ ރައީސް އިބޫ ހުންނަވާ ގެކޮޅަށް ހަރަދު ކުރާނީ، މަހަކު 2.6 މިލިއަން ރުފިޔާ އެވެ. އެއީ ދުވާލަކަށް 87،680 ރުފިޔާ އެވެ. އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ރަސްމީގެކޮޅުގެ ހަރަދަށް ދުވާލަކު، 105،056 ރުފިޔާ ވަނީ ބަޖެޓުން ހަރަދުކޮށްފަ އެވެ.
ބަޖެޓަށް ބަލާއިރު، ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅަށް 2017 ވަނަ އަހަރުވެސް ވަނީ 35.2 މިލިއަން ރުފިޔާ ހަރަދުވެފަ އެވެ.