ޚަބަރު

މަސްވެރިކަމާ ގުޅުންހުރި ކަންބޮޑުވުންތައް ސާފުކުރަން މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށްދޭން ތޯރިގު އެދިވަޑައިގެންފި

މަސްވެރިން ބާނާ މަހަށް ހަމައަގު ލިބިގެންދާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދިފައިނުވާތީ ކަމަށް ބުނެ އަދި މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތައް ސާފުކުރަން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި މަސްވެރިކަމާ ގުޅުންހުރި ކުންފުނިތަކާއި މުއައްސަސާތައް މަޖިލީހަށް ހާޒިރުކޮށްދެއްވުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އެދިވަޑައިގެންފިއެވެ.

ތޯރިގު އެގޮތަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހަށް މިއަދު ފޮނުއްވި ސިޓީއެއްގައެވެ.

ފިޝަރީޒް މިނިސްޓަރާއި މަސްވެރިކަމާ ގުޅުންހުރި ކުންފުނިތަކާއި މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށްދޭން އެދުނު ސަބަބެއް ކަމަށް ތޯރިގު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ މަސްވެރިންނަށް ވެފައިވާ ވައުދުގެ ތެރެއިން މަސްވެރިން ބާނާ މަހަށް ހަމައަގު ލިބިގެންދާނެ ކަމަށް ވެފައިވާ ވައުދު ފުއްދިފައި ނުވާތީ ނުވަތަ ސަރުކާރުން ވެފައިވާ ވައުދުގައި ހަމައަގު ކަމަށް ބަޔާންކޮށްފައިވަނީ މިހާރު މަހު އަގު ހުރި ވަރުކަމަށްވާ، ބޮޑު ކަންނެލި ކިލޯއެއް 45 ރުފިޔާ އާއި 35 ރުފިޔާ ތޯއާއި އަދި ކަޅުބިލަމަހުގެ ކިލޯއެއް 19 ރުފިޔާ އާއި 12 ރުފިޔާއާ ދެމެދުތޯ ސާފު ކުރުމަށެވެ.

ތޯރިގުގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ މަސްވެރިންކުރާ ބުރަ މަސައްކަތުން އެމީހުންނަށް ލިބޭ އާމްދަނީ ދަށަށް ގޮސް، އޮޑިދޯނިފަހަރު ބަނދެގެން، އޮޑިވެރިޔާ ބޭންކުގެ ލޯން ނުދެއްކި އޮނޑިދޯނިފަހަރާއި ގޯތި ގެދޮރު ވިއްކާލަންޖެހޭ ހާލަތަށް ބަދަލުވެގެންދާއިރު ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން އެކަމަށް އަޅާލަމުންދާތަން ނުފެންނަ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭން މަސް އެކްސްޕޯޓްކުރާ ކުންފުނިތަކަށް ދިމާވާ ދަތިތަކާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އެކްސްޕޯޓްކުރާ ފަރާތްތަކުން ނަގާ ފީތަކުގެ ސަބަބުން އެ ކުންފުނިތަކަށް ވެސް މާލީ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

ތޯރިގުގެ ސިޓީގައި އިތުރަށް ވިދާޅުވީ، ރާއްޖޭން ބޭރަށް ފިނިމަސް އެކްސްޕޯޓްކުރާއިރު ބޮޑެތި އެއާލައިންތަކުން ކައިރި ގައުމުތަކުގައި އެއާފްރައިޓުގެ ގޮތުގައި ކިލޯއަކަށް ނަގާ އަދަދަށްވުރެ ބޮޑު އަދަދެއް ރާއްޖޭން ނަގަމުންދާ ދިއުމާބެހޭ ގޮތުން މަޝްވަރާ ކުރަންޖެހޭ ކަމަށާއި އަދި އީޔޫއަށް ރާއްޖޭން ބޭރުކުރާ މަހަށް ނަގާ ޑިއުޓީގެ ކޮންމެވެސް އިންސައްތައެއް މަދުކުރެވިދާގެ ގޮތްތަކާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ކުރަމުންދާ މަސައްކަތެއް ސާފުވާންޖެހޭ ކަމަށެވެ.

އޭގެ އިތުރުން ވެސް މަސްވެރިކަމުގެ ދާއިރާއަށް ދިމާވާ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުން ކުރެވެން އޮތްކަމެއް ބަލައި އެކަމެއް ކުރުމަށް މެންބަރު ތޯރިގުގެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.