ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ރައްކާކުރަން ކ. ތިލަފުށީގައި ކެމިކަލް ގުދަންތައް އަޅަން ގުރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން އެ މަސައްކަތް ހަވާލުކުރި އެސްޖޭ ކޮންސްޓުރަކްޝަނާ ހަވާލުކުރީ އަންދާޒާކޮށްފައިވާ ވަރަށްވުރެ ބޮޑު އަގަކަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް އޭސީސީން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ގުދަންތައް އަޅަން ޖީއެމްއައިޒެޑްއެލުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ އެމަސައްކަތް ކުރުމަށް އިތުރު ކުންފުންޏަކުން ހުށަހަޅާފައިވަނިކޮށް ކަމަށެވެ.
އެގޮތުން ޖީއެމްއައިޒެޑްއެލުން އަންދާޒާކޮށްފައިވާ އަގަކީ 7.7 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެސްޖޭ ކޮންސްޓްރަކްޝަނުން އެ މަސައްކަތް ކުރުމަށް ހުށަހަޅާފައިވަނީ 9.5 މިލިއަން ރުފިޔާއަށް ކަމަށް އޭސީސީން ބުނެފައިވެއެވެ. އަދި ދެވަނައަށްދިޔަ އޭޖޭއީ ކޯޕަރޭޓް ޕްރައިވެޓް ލިމިޓެޑުން ގުދަނަތަކުގެ މަސައްކަތް ކުރުމަށް ހުށަހަޅާފައިވަނީ 4.3 މިލިއަން ރުފިޔާ ކަމަށް ބުނެފައިވެއެވެ.
އޭސީސީން ބުނެފައިވަނީ، އެސްޖޭ ކޮންސްޓުރަކްޝަނާ ގުދަންތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެކަން މަޑުޖައްސާލުމަށް އޭސީސީން ޖީއެމްއައިޒެޑްއެލް އަށް އަންގާފައި ވަނިކޮށް ކަމަށް ވެސް ކޮމިޝަނުގެ ސިޓީގައި ބުނެފައިވެއެވެ. ނަމަވެސް ޕްރޮޖެކްޓް އެސްޖޭއަށް ހަވާލުކޮށްފައިވަނީ މަސައްކަތުގެ މުއްދަތަށް ބަލައި އޭޖޭއީއަށް ލިބުނު ޕޮއިންޓު މަދު ވުމުން ކަމަށް ވެސް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ޖީއެމްއައިޒެޑްއެލް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރު މިރޭ "ވަން" އަށް ވިދާޅުވީ، އެކުންފުނީގެ މެނޭޖްމަންޓުން ނިންމީ ގުދަންތަކުގެ މަސައްކަތް ކުރުމަށް އަގުހެޔޮ ފަރާތަކަށް ދިނުމަށް ނަމަވެސް އެ މަސައްކަތް އަގުބޮޑުކޮށް ހުށަހެޅި ކުންފުންޏަށް ދިނީ ބޯޑު މެންބަރުން ކަމަށެވެ.
"މެނޭޖުމަންޓުން ނިންމީ އަގުހެޔޮ ފަރާތަކަށް މަސައްކަތް ހަވާލުކުރުމަށް. ބޯޑުން ނިންމި ނިންމުމެއް މީ އަގުބޮޑު ކުންފުންޏަށް ހަވާލުކުރުމަކީ،" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަދި ހާއްސަކޮށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ 34 ގުދަން އަޅަން އެސްޖޭ ކޮންސްޓުރަކްޝަނާ ހަވާލުކުރީ ދެ މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެގޮތުން އެ މަސައްކަތް އެ މުއްދަތުގެ ކުރިން ވަނީ ނިންމައިފައެވެ. ގުދަންތަކުގެ ތެރޭގައި 300 އާއި 800 އަކަފޫޓާއި ދެމެދުގެ ޔުނިޓުތައް ހިމެނެއެވެ.