މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯގެ މަގާމުގައި ހުންނެވި އަބްދުއްރައްޒާގް ހަލީމް އިސްތިއުފާ ދެއްވައިފި އެވެ.
މޯލްޑިވްސް ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަދުން ފެށިގެން ހަލީމް އިސްތިއުފާ ދެއްވާނެ ކަމަށެވެ.
އަދި ހަލީމްއަށް ފަހު އެމްޕީއެލްގެ ސީއީއޯގެ މަގާމު ފުރައްވާނީ އެކުންފުނީގެ އެސިސްޓެންޓް ސީއީއޯގެ މަގާމުގައި ހުންނެވި ރަބީހް މުހައްމަދެވެ.
އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ހަލީމް އައްޔަން ކުރެއްވީ މިދިޔަ އަހަރުގައެވެ. ހަލީމް އަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޕީއެލްގެ އިތުރުން އެމްޓީސީސީ އާއި އެމްއާރުޑީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ހަލީމް އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވީ 2014 އާއި 2015ގައެވެ. އެއަށްފަހު އެމްއާރުޑީސީގެ ސީއީއޯގެ މަގާމު އަދާ ކުރެއްވީ 2016 ވަނަ އަހަރުގައެވެ.
ހަލީމް ރޭ ކުރެއްވި ޓްވީޓެއްގައި ރައީސް ޔާމީން އޭނާ އަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.