ޚަބަރު

ފެނާއި ނަރުދަމާގެ ބިލެއް ރައީސް އޮފީހަށް ފޮނުވައިފި

އާނިފާ ހުސެއިން ސިރާޖް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެނާއި ނަރުދަމާގެ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ފޮނުވައިފިއެވެ.

އެޖީ އޮފީހުން ބުނީ މި ބިލު ފޮނުވާފައިވަނީ މައިގަނޑު ހަތް ކަމެއް ހާސިލުކުރުމަށްޓަކައި ކަމަށެވެ.

  • މި ބިލުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ މަގުސަދުތައް ކަމުގައި އޭޖީ އޮފީހުން ބަޔާންކޮށްފައިވާ ކަންތައްތައް:
  • . ސިއްހީ ގޮތުން ރައްކާތެރި އަދި ބޭނުންކުރަން ކަމުދާ ސާފު ފެން ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުކުރުމަށް
  • . ލިބެންހުރި ފެނުގެ ވަސީލަތްތައް ބޭނުންކުރުމުގައި މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭނެ ގޮތަށް އެ ވަސީލަތްތައް ރައްކާތެރިކުރުމާއި ހިމާޔަތްކުރުމާއި ތަރައްގީ ކުރުމާއި އޭގެ މަންފާ ފުރިހަމައަށް ލިބިދެވޭނެ ގޮތްތަކެއް ކަނޑައަޅައި ތަންފީޒުކުރުމަށް
  • . މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެރަށަކާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް، އެ ހިދުމަތް ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައެޅުމާއި އެކަން ކަށަވަރުކުރުމަށް
  • . ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ތަންތަނާއި ސިނާއީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށުގަ އާއި ތަންތަނުގައި އެތަނަކާ އެކަށީގެންވާ ގޮތެއްގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ލިބިދެވޭނެކަން ކަށަވަރުކުރުމަށް
  • . ފެނާއި ނަރުދަމާގެ ހިދުމަތާއި އެހިދުމަތް ފޮރުކޮށްދޭ ފަރާތްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި ފެނާއި ނަރުދަމާގެ ހިދުމަތް ލިބިގަންނަ ފަރާތަތަކުގެ ހައްގުތަކާއި ހިދުމަތް ފޯރުކޮށްދޭ ފާރަތްތަކުގެ ޒިންމާތައް ކަނޑައެޅުމަށް
  • . ފެނުގެ ވަސިލަތްތަކަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ނުވަތަ ކުޑަކުރުމަށް ދުރުރާސްތާގެ ޕްލޭނެއް އެކުލަވާލައި އޭގެ ދަށުން މަސައްކަތް ކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ބާރުއެޅުމަށް
  • . ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ގަސްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބަލަހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމަށް