ޚަބަރު

"ގޯލްޑް 100 ގަލާ" އެކްސްކުލޫސިވް ރިއަލް އެސްޓޭޓް ޕާޓްނަރަކަށް ޖާހު ހަމަޖައްސައިފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދޭ އެންމެ ޝަރަފުވެރި އެވޯޑް، "ގޯލްޑް 100 ގަލާ"ގެ އެކްސްކުލޫސިވް ރިއަލް އެސްޓޭޓް ޕާޓްނަރަކަށް ޖާހު ހަމަޖައްސައި އެކަމާގުޅޭ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.

މިއީ "ގޯލްޑް 100" އެވޯޑްގެ ޕާޓްނަރަކަށް ޖާހް ހަމަޖެއްސި ފުރަތަމަ ފަހަރެވެ. އެގޮތުން ޖާހުގެ ފަރާތުން ޕާޓްނާޝިޕުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޖަހުދާން ޖައުފަރެވެ. ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑރ. ހުސެން ސަނީ އުމަރެވެ.

"ގޯލްޑް 100" އަކީ ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ވިޔަފާރިތަކުގެ ލިސްޓެވެ. ކޯޕަރޭޓް މޯލްޑިވްސް އިން އެލިސްޓު ތައްޔާރުކުރަނީ ކޮންމެ އަހަރެއް ނިމުމުންނެވެ. އެ ލިސްޓް އެކުލަވާލަނީ އަލްފުބެޓިކް އޯޑަރުންނެވެ.

"ގޯލްޑް 100" އަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ހުޅުވާލާފައިވާއިރު، މިއެވޯޑް ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.