ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ޑިޖިޓަލްކޮށް ރިޒޯޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަތުރުވެރިންނަށް ފަސޭހަ ކުރުމަށްޓަކައި އުރީދޫ މޯލްޑިވްސް އިން "ޑިޖިޓަލް ރިޒޯޓްސް"ގެ ނަމުގައި ހިދުމަތެއް ތައާރަފުކޮށްފި އެވެ.
އުރީދޫއިން އިއްޔެ ތައާރަފު ކުރި އެ ހިދުމަތަކީ ފަތުރުވެރިކަން ކުރިއެރުވުމަށް ބައިނަލްއަގުވާމީ މާކެޓްގައި ބޭނުން ކުރަމުންދާ ފަހުގެ ޓެކްނޮލޮޖީތަކާ ދިވެހި ރިސޯޓުތައް ފަސޭހަ ކަމާއެކު ގުޅުވާލަދިނުމަށް ދޭން ފެށި ހިދުމަތެއް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫއިން ބުނި ގޮތުގައި ރިޒޯޓްތަކަށް ފަތުރުވެރިން ދާއިރު އެފަރާތްތަކުން ހިޔާރުކުރަނީ އެންމެ ފަހުގެ ޒަމާނީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނެވެ.
ޑިޖިޓަލް ރިޒޯޓްސް ވަނީ ހަތަރު ބަޔަކަށް ބަހާލާފައެވެ. ފުރަތަމަ ހިދުމަކަތީ ޑިިޖިޓަލް އެޕް އެކެވެ. އެ އެޕްގެ އެހީގައި ގެސްޓުން ތިބޭ ތަން ޕާސަނަލައިޒްކޮށްލުމާއި ގެސްޓުންނަށް ރިޒޯޓްގެ މައުލޫމާތުތައް ފަސޭހަ ކަމާއެކު ދެވޭނެއެވެ.
ޑިޖިޓަލް ހިއުމަން ރިސޯސެސް އާއި ޑިޖިޓަލް އެންޓަޓެއިންމެންޓް އަދި ޑިޖިޓަލް ހަބް ވެސް މަސައްކަތް ކުރަނީ އެފަދަ ގޮތަކަށެވެ. އެގޮތުން މުނިފޫހިފިލުވުމަށް ފޯރުކޮށްދޭ ހިދުމަތްތައް އުރީދޫ މެދުވެރިކޮށް މުޅި ރިޒޯޓުގައި ސްޓްރީމްލައިން ކުރެވޭނެ ކަމަށް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.
ޑިޖިޓަލް ހިއުމަން ރިސޯސެސް އަކީ ރިޒޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ހިދުމަތެކެވެ. އެގޮތުން އެ ހިދުމަތުގެ ސަބަބުން މުވައްްޒަފުން މެނޭޖުކުރުމާއި އެފަރާތްތަކުގެ މަސައްކަތް ރޭވުމުގައި ފަސޭހަ ވެގެންދާނެއެވެ.