މުޅި "އޮޑީގައި" އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒު ކަމަށާއި، މިހާރު ތި ކުރައްވަމުން ގެންދަވާ ކަންތައްތައް ބެލޭނެ ދުވަހެއް އަދި އަންނާނެ ކަމަށް، ރައީސް ނަޝީދަށް އަމާޒުކުރައްވައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ.
މި ދެ ބޭފުޅުން ވަކިކުރުމަށް ޖޭއެސްސީން ހުށަހެޅީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ތަހުގީގުކުރާ މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޑރ. ޖަމީލް މިއަދު ވިދާޅުވީ، ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމަށް ފެންނަ ކޮންމެ ކަމަކީ ސުލޫކީ މައްސަލައެއް ކަމަށާއި މުޅި އޮޑީގައި އޮތީ ރައީސް ނަޝީދުގެ ދެފައި ކަމަށެވެ. އަދި "ތިޔަ ކަންތައްތައް އަލުން ބެލޭނެ ދުވަހެއް އިރާދަކުރެއްވިއްޔާ އަންނާނެ" ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލް ވިދާޅުވީ "މިއަދު ފަނޑިޔާރުން ވަކިކުރީ ފަނޑިޔާރުގޭގެ ފާރުވެސް ތަޅާލާފައި" ކަމަށެވެ.