މިއަންނަ އަހަރުގެ ސްޓޭޝަނަރީ ވައުޗަރަށް ދަރިވަރުންނަށް ތަކެތި ދޫކުރަން އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ދީފައިވާ ބުކްޝޮޕްތަކުން ދަރިވަރުންނަށް ތަކެތި ދޫކުރާއިރު، ހަދިޔާ ލިބޭގޮތަށް ޕްރޮމޯޝަންތައް ހިންގުން މަނާކޮށްފިއެވެ.
އަންނަ އަހަރު ސުކޫލުތަކުގެ ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީވެފައިވާ ބުކްޝޮޕްތައް އާންމުކުރުމަށް އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް، 2020 ވަނަ އަހަރުގެ ސްޓޭޝަނަރީ ވައުޗަރާ ގުޅިގެން އެއްވެސް ހަދޔާއެއް ލިބޭ ޕްރޮމޯޝަނެއް ހިންގުމަކީ އެ ތަކެތި ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މަނާކަމެއް ކަމުގައެވެ.
އެފަދަ އެއްވެސް ޕްރޮމޯޝަނެއްގައި ބައިވެރި ނުވުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބެލެނިވެރިންނަށް އިލްތިމާސްކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނީ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ޝައުގުވެރިވާ ފަރާތްތައް ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން ރަޖިސްޓްރީވެފައި ވަނީ ޖުމުލަ 48 ބުކްޝޮޕަކުން ކަމަށެވެ. އަދި 2020 ވަނަ އަހަރު ދަރިވަރުންނަށް ދުކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ލިބިވަޑައިގަންނަވާނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ބުކްޝޮޕްތަކުން ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
އަންނަ އަހަރު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ސުކޫލުތަކަށް މިހާރު ފޮނުވަން ފަށާފައިވާ ކަމަށާއި، އުންމީދަކީ މިއަހަރުގެ ކިޔެވުން ނިންމައި ރިޕޯޓް ފޯމު ދޭ ދުވަހު ހުރިހާ ކުދިންނަށް ފޮތްތައް ހަވާލުކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.
މިއަހަރުގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީއަށް ސުކޫލުތައް ބަންދުވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އަދި ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ތައުލީމީ އަހަރުފެށި، ސުކޫލުތަކުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ.